ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބުދުﷲ ޝާހިދެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާނެއެވެ.

މިދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، ދެގައުމުގެ ގުޅުން ހަރުދަނާ ކުރެވިދާނެ ބައެއް ދާއިރާތަކުން އެމްއޯޔޫތަކުގައި ސޮއެކުރާނެއެވެ. އަދި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، ސެޕްޓެމްބަރު 21، 1995 ގައެވެ.