ނިމިގެން ދިޔަ 2022 އަހަރުގެ ފުރަތަމަ ފަސް ދުވަހާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ފަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ހާމަކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާ ހަމައަށް ލިބިފައި ވަނީ 61.9 މިލިއަން ރުފިޔާއެވެ. ނިމިގެން ދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި 217.6 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެހެންކަމުން މިއީ ނިމުނު އަހަރާ އަޅާބަލާއިރު 155 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އަހަރުގެ ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓް ކުލިންނާއި ޖީއެސްޓީންނެވެ. މި ގޮތުން ރިސޯޓް ކުލިން 32.6 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވާއިރު ޖީއެސްޓީން ލިބިފައި ވަނީ 14.5 މިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ފަސް ދުވަހު ހިލޭއެހީގެ ގޮތުގައި ޖުމްލަ 5.5 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރުގެ އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ.

މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ކުރި ހަރަދު ނިމުނު އަހަރަށް ވުރެ ބޮޑު ތަނުން ވަނީ އިތުރުވެފައެވެ. މި ގޮތުން މި އަހަރުގެ ފުރަތަމަ ފަސް ދުވަހު 386.1 މިލިއަން ރުފިޔާ ހަރަދު ކުރިއިރު ނިމުނު އަހަރުގެ މި މުއްދަތުގެ ތެރޭގައި ހަރަދު ކޮށްފައި ވަނީ 189.4 މިލިއަން ރުފިޔާއެވެ. މިއީ ނިމިގެން ދިޔަ އަހަރާ އަޅާ ބަލާއިރު 196.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި އަހަރުގެ މި މުއްދަތުގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ރީކަރަންޓް ހޭދައަށެވެ. މި ގޮތުން އިދާރީ ކަންކަމަށާއި ހިންގުމުގެ ހަރަދަށް 292 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ރީކަރަންޓް ހަރަދަށް ވަނީ ޖުމްލަ 295.6 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ދަރަނި ދެއްކުމަށް 278 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އުމްރާނީ މަޝްރޫއުތަކަށް 89.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އަހަރުގެ ފުރަތަމަ ފަސް ދުވަހު ސަބްސިޑީއަށް 171 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނީ ހައުސިން މިނިސްޓްރީގެ އިތުރުން އައިޖީއެމްއެޗް އަދި މާލޭ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކަށެވެ.