ބޮލީވުޑްގެ ޕަވާ ކަޕްލް އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ އާ ކައިވެނި ކޮށްގެން އުޅޭ ބަތަލާ އަނުޝްކާ ޝަރްމާ ރާއްޖެ އައީ އެ ދެމަފިރިންގެ ދެ އަހަރުވީ އަންހެން ދަރިފުޅު ވަމިކާ ވެސް ގޮވައިގެން ކަމަށް ހަބަރުތައް ބުނެއެވެ. އަނުޝްކާ އާއި ވިރާޓް ރާއްޖެ އައި ކަމަށް އިންޑިއާގެ ހަބަރުތައް ބުނި ނަމަވެސް ދެތަރިން ކުރެ އެކަކުވެސް އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ. ނަމަވެސް ވިރާޓް ވަނީ އޭނާގެ އިންސްޓަގްރާމުގައި ރިސޯޓެއްގައި ދެމީހުން އެއްކޮށް ނާސްތާ ކުރާ މަންޒަަރުގެ ފޮޓޯ އެއް ޕޯސްޓް ކޮށްފައެވެ.
މިިދިޔަ ޖޫން މަހު ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި މިދެތަރިން އޭރު ބުނީ ރާއްޖެ އަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރީތި މަންޒިލް ކަމަށާއި ރާއްޖެ އަކީ އަބަދުވެސް އެދެމީހުންނަށް ވަރަށް ކަމުދާ މަންޒިލެއް ކަމަށެވެ.
ޝޭމްޕޫ އިޝްތިހާރަކުން ދެމީހުން ދިމާވެ ލޯބީވެ ކައިވެންޏާ ހަމައަށް މިދެފަންނާނުން ދިޔައީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ބަތަލާ އަނުޝްކާ ޝަރްމާ އެންމެ ފަހުން ފެނިގެންދިޔައީ 2018 ވަނަ އަހަރު ނުކުތް ފިލްމު "ޒީރޯ" އިންނެވެ. އެ ފިލްމުގައި އަނުޝްކާ ފެނިގެންދިޔައީ އެކްޓަރު ޝާހްރުކް ހާން އާއެކުގައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޗަކްދާ އެކްސްޕްރެސް" އިންނެވެ. މި ފިލްމުގައި އަނުޝްކާ ކުޅޭނީ ކުރިކެޓް ކުޅޭ މީހެއްގެ ރޯލެވެ.