އަހަރުމެން އުޅެންޖެހިފައި މިވާ ބިޒީ ދިރިއުޅުމުގެ ސަބަބުން ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ ގިނަ ފަހަރު ކުރަން އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. އަނގައަށް މީރު ނޫނަސް ތައްޔާރު ކޮށްލަން ފަސޭހަ ތައްޔާރީ ކާނާގެ ސަބަބުން ހައްޓާމެދު ވިސްނާ ނުލެވޭތާނގައި ވޮލެޓާމެދު ވެސް ފަރުވާލެއް ނުދެވެއެވެ.

ފަސޭހައަކަށް ވިޔަސް ބައެއް ކަހަލަ ތައްޔާރީ ކާނާ ތަކަކީ އެއްގޮތަކަށްވެސް އާދައެއްގެ ގޮތުގައި ކާން ރަނގަޅު އެއްޗެއް ނޫނެވެ.

ދުނިޔޭގެ ވިޔަފާރި ހަރުގަނޑުތައް ތައްޔާރީ ކާނާއިން ފުރާލާފައި ވާ އިރު، އެތަކެތި އުފައްދާ ފަރާތްތަކަކީ އެ ވިއްކައިގެން މުއްސަނދި މަހުޖަނުންނަށް ވެފައި ވާ ފަރާތްތަކެވެ. އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމަކަށް ވިއްކާ މީހުންގެ ފަރުވާލެއް ނެތެވެ.

ތިރީގައި ލިސްޓް ކުރެވިފައި މިވާ ކާނާތަކަކީ ސޮސެޖުން ފެށިގެން ކޮފީ އާ ހަމައަށް އަހަރުމެންގެ އާންމު ދިރިއުޅުމުގައި އާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗެވެ. މިއިން ބައެއް އުފެއްދުންތަކަކީ ސާފުކޮށް ގެއްލުން ހުރި އުފެއްދުންތަކެއް ނަމަވެސް އަނެއްބައި ތަކެއްޗަކީ ގިނަ އަދަދަކަށް ކެއުމުން އެއިން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ތަކެއްޗެވެ.

ތަށިތަކަކަށް ކޯކް އަޅާފައި

ކޯކް އާއި ޑައިޓް ކޯކް

ކޯކް ނުވަތަ ކޯކާކޯލާ އަކީ ދިވެހިންގެ ތެރޭގައި އާންމު ބުއިމެކެވެ. އާންމު ކޯކްގައި މާ ހަކުރު ގިނަވެގެން އުފެދޭ ޝަކުވާ ހައްލުކުރަން ބާޒާރަށް ނެރެފައިވާ "ޑައިޓް ކޯކް" އަކީ ޝުގާ ފްރީ ކޯކަކަސް އެއީ އެކި ބާވަތުގެ ސްވީޓްނާއިން މުއްސަނދި ކޮށްފައި ހުރި ބުއިމަކަށް ވުމުން، އެއީވެސް ސިއްހަތަށް ފައިދާ ހުރި ބުއިމެއް ނޫނެވެ. މާ ގިނައިން ބޯނަމަ ކިޑްނީގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އަދި ދަތްތައް ހަލާކުވާން މެދުވެރިވެއެވެ. ޑިޕްރެޝަން އާއި ހިތުގެ މައްސަލަތައްވެސް ދިމާވެއެވެ. މި ބުއިމާ ގުޅޭ އިތުރު ދިރާސާތައް ފަންނުވެރިން މިހާރުވެސް ކުރަމުން ދާ އިރު، މިހާނަތަށް ފާހަގަވި ނުރައްކާތަކުން ސަލާމަތްވުމަށް ކޯކް އެއްކޮށް ދޫކޮށްލާށެވެ.

މީހަކު ހޮޓްޑޯގެއް ކާލަނީ

ސޮސެޖް

ދިވެހިންގެ ސުފުރާ މަތި ފަޅުފިލުވަދޭ މިކާނާ އަކީ ޖަނަވާރުގެ މަސް ނޫން އެހެން ގިނަ މާއްދާތަކެއް އެކުލެވިގެން ތައްޔާރު ކޮށްފައިވާ ކާނާއެކެވެ. އޭގެ ތެރޭގައި މޯލްޓޯޑެކްސްޓްރިން ކިޔާ މާއްދާއެއް އެކުލެވޭއިރު، މިއީ މާގިނައިން ބޭނުންކޮށްފިނަމަ ގޮހޮރާއި ބަނޑަށް ގެއްލުން ލިބިދާނެ މާއްދާއެކެވެ. މީގެ އިތުރުން ކެންސަރަށް މަގުފަހިކޮށްދޭ މިއުފެއްދުމަކީ ދިވެހިން ދެވިހިފާފައި ވާ ކާނާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބާބަކިއު ހެދިޔަސް އެންމެ ފުރަތަމަ ހޯދާ ސޮސެޖަކީ، ގިނަ ހަފްލާތަކުގެ ސުފުރާ މަތިންވެސް ފެންނަ އެއްޗެކެވެ. ތެލުލައިގެން، މިރުސް ލައިގެން، ފިހެގެން ޝޯޓްއީޓުގެ ގޮތުގައި ވެސް ހަދާފައި ހުންނަތަން ފެނެއެވެ.

ސްލައިސްޑް ޗީޒް

ސްލައިސްޑް ޗީޒް

މިބާވަތުގެ ޗީޒް އަކީ އާދައިގެ ޗީޒް ހުންނަ ގޮތަށް ކިރު ސަރުބީ ފަދަ މާއްދާތަކުން ތައްޔާރު ކުރުމުގެ ބަދަލުގައި ގިނައިން ތެލާއި ޓްރާންސް ފެޓްސް އާއި ރަހަ އަދި ޕްރިޒަވޭޓިވްސް އެކުލެވޭ ތައްޔާރީ ޗީޒްއެކެވެ. މި ހުރިހާ ބާވަތްތަކެއްގެ ސަބަބުން ސްލައިސްޑް ޗީޒް އަކީ ހުސް އެކަނި ޗީޒް ބްލޮކްސް އާ ހިލާފަށް ސިއްހަތަށް ގެއްލުން ދޭ ކާނާއެކެވެ. ގިނަ ގޭގޭގައި ހަވީރަށް ނުވަތަ އެކި ހަފްލާތަކަށް އޯޑަރުކޮށްލައިގެން ގެންދާ ބާގާ، ސޭންޑްވިޗް، ސަބްމެރިން ފަދަ ފެޓީ ފްޑްސް އަކީ މިބާވަތުގެ ޗީޒުން ރަހަ ހެޔޮވަރުކޮށްފައި ހުންނަ ތަކެއްޗެވެ.

ގަމީ ބެއާސް

ގަމީ ބެއާޒް

އާންމު ގޮތެއްގައި ކުޑަކުދިންނަށް ކަމުދާ މި ކާނާގެ ޕެކެޓެއްގައި ހިމެނެނީ އެންމެ 0.2 ޕައުންޑްގެ ގަމީއެވެ. ނަމަވެސް މި ކުޑަ މިންވަރުގައި 12 ސައިސަމުސާ ހަކުރު އެކުލެވިގެންވެއެވެ. މިއީ ކުއްޖަކު ދުވާލަކު ކެއުމަށް ލަފާދޭ މިންވަރުގެ ދެގުނައާއި ތިންގުނައާ ދެމެދުގެ އަދަދެކެވެ. އޭގެ އިތުރުން މީގައި ކުލަ ފަދަ އާޓިފިޝަލް މާއްދާތައް ހިމެނޭއިރު، މިއީ ސަމާލުކަން ދަށްވުން ނުވަތަ ހައިޕާ އެކްޓިވް ވުން ފަދަ މައްސަލަތައް އުފެދުމަށް މަގުފަހިވާ އެއްޗެކެވެ. ތަފާތު ކުލަތައް ޖައްސައިގެން ތަފާތު ސިފަތައް ގެނެސް އުފައްދާ ގަމީ އަކީ ބަލާލަން ރީތި ނަމަވެސް ސިއްހަތަށް ފައިދާހުރި އެއްޗެއް ނޫނެވެ.

ކައްކާފައި ހުރި ނޫޑްސްލް ތައްޓެއް

އިންސްޓޭންޓް ރަމެން (ނޫޑްލްސް)

ތުއްތު ކުދިންގެ އިތުރުން ބޮޑެތިމީހިންނަށް ވެސް އެހާމެ ކަމުދާ ނޫޑްލްސް އަކީ ކުޑަވަގުތުކޮޅަކުން ކައްކާލެވޭ ބައެއް މީހުންނަށް މާ ކަމުދާ ކާނާއެކެވެ. ނަމަވެސް ގިނައިން ނޫޑްލްސް ކެއުމަކީ ލޭމައްޗަށް ދިއުން ފަދަ މައްސަލަތަކާއި ކޮލެސްޓްރޯލް މަތިވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.

ކުޑަކުދިންގެ ޔޯގަޓް

ކުޑަކުދިންގެ ޔޯގަޓް

ގިނަ ބްރޭންޑްތަކުގެ ޔޯގަޓަކީ ތުއްތު ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ވަރުގަދަކޮށް ބޮޑުވުމަށް އެހީތެރިވެދޭނެ ކަމަށް ބުނާ އެއްޗެއް ނަމަވެސް، ހަގީގަތަކީ މިއީ ގިނައިން ހަކުރު، ސަރުބީ، އަދި އާޓިފިޝަލް ކުލަތަކުން ބަރާވެފައި ހުރުމުގެ އިތުރުން މި ކުލަތައް މާގިނައިން ބޭނުން ކުރުމުން ސިއްހީ ގޮތުން ތަފާތު ނުރައްކާތަކެއް ކުރިމަތިވެދާނެ އެއްޗެކެވެ. ހަކުރުބައްޔާއި، މެޓަބޮލިކް އަދި ހިތުގެ މައްސަލަތަކަކީ މިކާނާ ކެއުމުން މަގުފަހިވާނެ ނުރައްކާތެރި ބަލިތަކެކެވެ.

ކޮފީ ބީންސް

ކޮފީ

ޝައްކެއްވެސްނެތް ގޮތުގައި ކޮފީއަކީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބުއިން ކަމަށް ވާއިރު މިއީ ދުވަސް ފެށުމަށް ހަކަތަ ލިބިގެންދާ ބުއިމަކަށް ވީނަމަވެސް، މާ ގިނައިން ކޮފީ ބުއިމަކީ ގެއްލުން ލިބިދާނެ ކަމެކެވެ. މާގިނައިން ކޮފީ ބޭނުންކުރުމަކީ ނިދުމުގެ އުނދަގޫ ނުވަތަ ބޮލުގައި ރިހުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. މި ބުއިމުން ހާސްކަމުގެ މައްސަލަތައް އިތުރަށް ގޯސްކޮށްދޭ އިރު، ދިގު މުއްދަތުގައި ކާޑިއޯ ވެސްކިއުލާ މައްސަލަތައް ވެސް ކުރިމަތިވެދާނެ ބުއިމެކެވެ. ދަޅު އަދި ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ކޮފީ އަކީވެސް ސިއްހަތަށް ގެއްލުން ލިބޭ ތަކެތި ކަމުގައި ކަމާ ބެހޭ މާހިރުން ހާމަކުރައްވައެވެ. މިފަދަ ތަކެއްޗަކީ ގިނަ އަދަދަކަށް ސޯޑިއަމް އެކުލެވޭ ތަކެއްޗެވެ.

ލިސްޓު ކުރި ހުރިހާ ބާވަތަކީ ދިވެހިންގެ އާންމު އާދައެއްގެ ގޮތުގައި ކައި ބޮއެ ހަދާ ތަކެއްޗެވެ. އަނގަޔަށް މީރު ވީމައި ވަގުތީ ހިތްހަމަޖެހުމަކަށް ބޭނުން ކުރިޔަސް އެއީ ތިމާގެ ހަށިގަނޑަށް އެއިން ބޮޑެތި ގެއްލުންތަކެއް ލިބޭ ތަކެއްޗެވެ.

ދުލަހެޔޮ ސިއްހަތެއްގައި ހުރުމަށާއި، ތިމާގެ ހަށި ހެޔޮކޮށް އަދި ރީތިކޮށް، ތާޒާކޮށް ބެހެއްޓުމަށްޓަކައި ސިއްހަތަށް ގެއްލުން ހުރި ކާނާއާއި ބުއިންތަކާ ދުރުވާށެވެ.

މިފަދަ ކޮންމެ ތައްޔާރީ ކާނާއަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއްގެ އިތުރުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ މިދަނޑިވަޅުގައި ވޮލެޓަށް ވެސް ބާރުބޮޑުވެގެން ދާނެ އެއްޗެހި ކަމަށް ވާ އިރު، ފަހަށް ރައްކާކުރުމަށާއި ދުޅަހެޔޮކަންމަތީ ހުރުމަށް ސަމާލުކަން ދޭށެވެ.