އައްޑޫ ރައްޔިތުން ބޭނުން ނަމަ އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެންނަން ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލަން ތައްޔާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި މިއަދު ހަވީރު ސ. ފޭދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އައްޑޫސިޓީގެ ތަރައްގީއާ ގުޅިފައިވާ ޝަންގްރިލާ ރިސޯޓަށް ވާނުވާއެއް މިހާތަނަށް އައި އިރު އެއްވެސް ސަރުކާރަކުން ބަލާލާފައި ނެތް ކަމަށެވެ. އެންމެ ފަހުން އެތަން ހުއްޓި ޝަންގްރިލާ ރިސޯޓު ހުޅުވޭނީ ކިހިނެއްތޯ ބެލިއިރު އެތަން އޮތީ ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ގެއްލުންވަމުންދާ ތަނެއްގެ ގޮތުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޝަންގްރިއްލާގައި ސަރުކާރުގެ ހިއްސާއެއް އޮވެގެން ފިޔަފާރި ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިއްސާ ދޫކޮށްލެވޭނެ ގޮތް ހޯދައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު މިހާރު ވަނީ ގެނެސްފައި ކަމަށެވެ.
ރައީސް ވިދާޅުވީ، އައްޑޫ ސީޓީގެ ރައްޔިތުން ބޭނުންވާނަމަ ސަރުކާރުގެ ހިއްސާދޫކޮށްފައި އެކަން ކުރެވޭނެ ގޮތެއް ހޯދާނެ ކަމަށެވެ. ދެން އޮތީ މިކަން ނުކުރި ބަޔަކު ހޯދާ އެބަޔަކާ ދެތެރޭ ފިޔަވަޅު އެޅުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އައްޑޫ، ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ.