މީރާގެ މައި އޮފީސް ފަޅައިލާ 25 ރުފިޔާ ވަގަށް ނެގި މީހަކު 3 މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުން ކޮށްފިއެވެ.

މިދިޔަ އަހަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހުގައި މީރާ އޮފީހުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެ އޮފީހަށް ވަދެ ވައްކަންކުރި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އައްޑޫ ސިޓީ އަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ހުއްދަ ނޫންތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގެ އަޑުއެހުމުގައި އެއީ މަސްތުގެ ހާލަތުގައި ހުރެ ކުރެވުނު ކުށެއްކަމަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވުމާ ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވި އަވަސްނިޔާގައި ވަނީ ޖުމްލަ 4 މަހާއި 15 ދުވަހުގެ ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި ހުކުމް ކުރުމުގެ ކުރިން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒުކުރަންޖެހެނީ 3 މަހާއި 18 ދުވަހެވެ.