އދ. ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރާލި ޝާ އަލޮމް މިއާ (ސާލިމް)، މަހްމޫދު މަރާލިކަމަށް ކުރިން ވެފައިވާ އިއުތިރާފުން ރުޖޫއަވެ، އެ ކަމަށް އިންކާރު ކޮށްފިއެވެ.

ސާލިމްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މި ދައުވާތަކަށް އޭނާ ވަނީ ކުރިން އިއުތިރާފްވެފަ އެވެ.

ސާލިމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި ސާލިމް ބުނީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އިއުތިރާފްވީ ދިފާއީ ވަކީލާއި ތަރުޖަމާނު ވެސް އެކަމަށް އެދުމުން ކަމަށެވެ. އަދި ބަދަލުގައި އޭނާ ޑީޕޯޓް ކޮށްދިނުމަށް އެއްބަސްވި ކަމަށް ވެސް ސާލިމް ވަނީ ބުނެފައެވެ.

ސާލިމް ވަނީ އޭނާގެ ތަރުޖަމާން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ތަހުގީގު މަރުހަލާގައި އަދި ދަށު ކޯޓު މަރުހަލާގައި މަސައްކަތް ކުރި މީހުން ބަދަލު ކުރަން ބޭނުން ކަމަށް ވެސް ބުނެފައެވެ.

މި މައްސަލާގައި ސާލިމް ވަނީ އޭނާ އަމިއްލައަށް އެ ކުށަށް އިއުތިރާފުވެ، އަދަބު ލުއިކޮށްދިނުމަށް ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް މި މައްސަލަ އަކީ މަރުގެ މައްސަލައަކަށް ވެފައި މަހުމޫދުގެ ވާރިސުންނާ ޝަރީއަތުގައި ސުވާލުކުރުމުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަދި ސާލިމް މެރުމަށް ކޯޓުން ހުކުމްކުރީ މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފު ވެފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.