ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަޅަމުން ދިޔަ ފިވަޅުތަކާއެކު ހައްޖު ވުމުގެ ހުއްދަ ދޭ އަދަދުތައް ސައުދީންވެސް މަދުކުރިއެވެ.

އޭގެ 3 އަހަރު ފަހުން، ކޮވިޑްގެ ހާލަތު ހަމައަކަށް އެޅިފައި ވުމާއެކު ސައުދީން ވަނީ މިއަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް ގޮތަށް ބަދަލުކޮށް ކޯޓާ ދޫކުރަން ނިންމާފައެވެ.

2019 ވަނަ އަހަރު 2.4 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރި އިރު ކޮވިޑާ ގުޅިގެން އައި އަހަރުތަކުގައި ބޮޑުތަނުން އަދަދު މަދުކޮށް އެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅޭ މީހުންނަށެވެ. އެގޮތުން 2020 ވަނަ އަހަރު 1000 މީހުން އަދި 2021 ވަނަ އަހަރު 60،000 މީހުން އަދި 2022 ވަނަ އަހަރު 900،000 މީހުންނަށް ސައުދީން ފުރުސަތު ދިނެވެ.

މިދިޔަ އަހަރު ސައުދީ ނޫން ގައުމުތަކުގެ މީހުންނަށް ފުރުސަތު ދިން ނަމަވެސް އެ ހުއްދަ ދިނީ އުމުރުން 65 އަހަރުން ދަށުގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށް ނެގެޓިވް ޕީސީއާރު ނެތީޖާއެއް އޮތް މީހުންނަށެވެ.

މި ފެށުނު 2023 ގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައި ވާ އިރު އަމަލު ކުރާނީ ކޮވިޑްގެ ކުރިން އޮތް އުސޫލަށެވެ. އެ އުސޫލުގައި އޮތް ގޮތުން ގައުމުތަކަށް ދޫކުރާ ކޯޓާ ފުލްވަންދެން އެގައުމަކުން މީހުން ފޮނުވޭނެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 352 ޖާގަ ހާއްސަ ކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ހުޅުވާލީ އާންމުންނަށެވެ.