ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ނުކުރެވިގެން އުޅެނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އަދި ކްރިމިނަލް ކޯޓުން ދޫނުކުރާތީ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.

އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވެފައި ވީ ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެ މައްސަލަ އިސްތިއުނާފް ކޮށްފައެވެ.

މިކަމާ ގުޅިގެން ޝިޔާޒް ވިދާޅުވީ، ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަހްޟަރު ބަޔާން ތަކާއެކު ހޯދުމަށް ހުކުމް ކުރި ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ރިޕޯޓް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުމް އިއްވި ދުވަހު ހުލާސާ ރިޕޯޓު ދޭންޖެހޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، އެ ރިޕޯޓު ނުދީ ލަސްކުރާތީ އިހްތިޖާޖު ކުރުމުން ޖެހިގެން އައި ދުވަހު ހުލާސާ ރިޕޯޓު ކޯޓުން ދޫކުރި ކަމަށް ޝިޔާޒް ވިދާޅުވިއެެވެ. އެ ރިޕޯޓުގައި ހިމެނޭނީ ޝަރީއަތުގެ ހުލާސާ ކަމަށާއި ދެ ފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް އޭގައި ލިޔެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުމް އިސްތިއުނާފް ކުރާ އިރު ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަހްޟަރު ބަޔާންތަކަކީ ބޭނުންވާ މުހިއްމު އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން އަމަލު ކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވޭ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރަން އަވަސް ކުރަން ބޭނުންވާ މައިގަނޑު އެއް ސަބަބކީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާޓުން ވާދަކުރާ ކެންޑިޑޭޓަކީ ރައީސް ޔާމީނަށް ވުމެއެވެ. ގއ. ވޮޑަމުލާގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ނޮވެމްބަރު 28، 2019 ގައި އިއްވި ފަހަރު ދެ ދުވަސް ތެރޭގައި އެ ހުކުމް އިސްތިއުނާފް ކުރިއެވެ. އެ އިސްތިއުނާފް ނިމި ޔާމީން މިނިވަންވެފައި ވަނީ ޖެނުއަރީ 1، 2021 ގައެވެ.