ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ހިނދުކޮޅެއް"ގެ ޓްރެއިލާ ނެރެފިއެވެ.
މީޑިއާ ނެޓްގެ ވީޑިއޯ ކްލަބް ޕެލްޓްފޯމަށް ދޫކޮށްލާ މި ފިލްމަކީ ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ޕްރޮޑިއުސް ކޮށް އަހްމަދު ތަލާލްގެ ސްކްރީންޕްލޭ އަކަށް އަލީ ޝިފާއު އެޑިޓްކޮށް ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ ދިރިއުޅުމުގައި ނިންމާ ތަފާތު ނިންމުތަކުގެ އަސަރު ހަޔާތުގެ އެކި ދުވަސްވަރު ކުރާ ގޮތާއި އެފަދަ ނިންމުންތަކުގެ ސަބަބުން އަމިއްލަ މީހާ ޑިފައިންވާ މިންވަރު ދައްކުވައިދޭ ލޯބީގެ ވާހަކައެއްގެ ފިލްމެކެވެ.
"ހިނދުކޮޅެއް"ގެ ލީޑު ރޯލުން ފެނިގެން ދާނީ ޝަރަފް, އާޝާ, ރަވީ އަދި މަޖޫ އެވެ. އޭގެ އިތުރުން އިތުރުން ކޭޓް ގޭލް, އަހްމަދު ޝާކިރު (ޝާއްކޮ)ގެ އަދި އިތުރުން އެހެނިހެން ތަރިންވެސް މި ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެން ދާނެއެވެ. ހުސެއިން ތައުފީގް މިއުޒިކް ތައްޔާރުކޮށް ދީފައިވާ މި ފިލްމުގެ ކޮސްޓިއުމް ތައްޔާރު ކޮށްދީފައި ވަނީ ސޭންޑީއެވެ. އަދި މޭކްއަޕް މަސައްކަތް ކޮށްފައި ވަނީ ހަސަން އާދަމް އެވެ. ފިލްމުގެ ޕޯސްޓަރު ތައްޔާރު ކޮށްދީފައި ވަނީ ހޫދު އިބްރާހިމް އެވެ.
މި ފިލްމަކީ ކުރިން އޮލިމްޕަސް ސްކްރީންގައި ދެއްކުމަށް ހަމަޖެހިފައިވާ ފިލްމަކަށް ވީނަމަވެސް އަންނަ މަހު ހަ ވަނަ ދުވަހު ޑާކްރެއިން އެންޓަޓެއިންމަންޓްގެ "'ބީވީމާ" ސްކްރީން ކުރުމަށް ހަމަޖެހިފައި ވުމާއި, އޭގެ ފަހުން އޮލިމްޕަހުގައި ތަފާތު އެހެން ސްޓޫޑިއޯތަކުގެ ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާތީ މި ފިލްމު ރާއްޖޭގެ އެންމެ ގިނަމީހުން ބަލާ އެއް ސްޓްރީމިން ޕްލެޓްފޯމް ކަމުގައިވާ މީޑިއާ ނެޓް މަލްޓި ސްކްރީންގައި އަޅުވަން ނިންމާފައިވާ ކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އިތުރު ދެ ފިލްމެއް އޮލިމްޕަހުގެ ސްކްރީނަށް އަންނަން ވަނީ ތައްޔާރުވެފައެވެ. އެއީ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމް "ބަޅިނދު" އަދި އައިޝަތު ފުވާދު ޑައިރެކްޓްކޮށްފައިވާ "ނޮވެމްބަރު" އެވެ. ޑާކްރެއިނުން އެންމެ ފަހުން އޮލިމްޕަހުގައި އެޅުވި ފިލްމަކީ 2019 ގެ ކޮމެޑީ ފިލްމު "މާމުއި" އެވެ. އެކުންފުނިން ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ވާށޭ މަށާއެކީ"، "އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ގޮށްރާޅު" ހިމެނެ އެވެ.