ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދޮގު ހެކި ދިން މައްސަލައިގައި މިރޭ ފުލުހަށް ހާޒިރު ކޮށްފޮއެވެ.

އެ މައްސަލައާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ނަރީޝް މިރޭގެ ވަގުތެއްގައި ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިހާރު ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ދިރާސާކުރަން ފަށާފައި ވާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އެ ހުކުމާ ގުޅިގެން ޖިނާއީ ތަހްގީގެއް ކުރިއަށް ގެންދަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ޔާމީންގެ އިތުރުން ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހުކުމް އާންމުކުރި އިރު، އެ ހުކުމްގައިވާ ގޮތުން ނަރީޝް ދިފާއީ ހެއްކެއްގެ ގޮތުގައި ދީފައި ވަނީ ދޮގު ހެކި ބަހެވެ.

11 އަހަރަށް ޔާމީން ޖަލަށް ލާން ކުރި ހުކުމްގައިވާ ގޮތުން، ޔާމީންގެ އެދުމުގެ މަތިން އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ އަތުން ގުނައި ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ ޔާމީންގެ ދިފާއުގައި ހެކިބަސް ދިނީ އަބްދުﷲ ރަޝީދު ކިޔާ މީހަކާއި ނަރީޝެވެ. ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހެކިބަސް ދިނީ ޑޮލަރު ގަތުމުގެ މުއާމަލާތް، ޔޫސުފް ނައީމް އަތުން ޔާމީނަށް ހަމަޖައްސައިދިން ކަމަށް ބުނެއެވެ.

ނަމަވެސް ހެކިބަހުގައި ފުށޫ އެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަ ހުރި ކަމަށް ބުނެ، އަބްދުﷲ ރަޝީދާއި ނަރީޝް ހުށަހަޅާފައި ވަނީ ދޮގު ހެކިބަސް ކަމަށް ބެލެވޭ ކަމަށް ހުކުމްގައި ވެއެވެ. އެގޮތުން ޔޫސުފް ނައީމާ ފައިސާ ހަވާލު ކުރި ދުވަހާއި ފައިސާ ހަވާލު ކުރީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ހެކި ދިން ފަރާތްތަކަށް ބުނެދެވިފައި ނުވާ އިރު އެ ދުވަހު ހިނގި އެހެން ކުދި ކަންކަމުގެ ތަފްސީލުތައް ބުނެފައިވާ ކަމަށް އެ ހުކުމުގައި ވެއެވެ.

ނަރީޝް އާ އެކު އެގެއަށް ދިޔަ އަބްދުﷲ ރަޝީދު ދިން ހެކި ބަހުގައި ހުރި ފުށޫ އެރުންތައް ފާހަގަކޮށް، ހުކުމްގައި ބުނެފައި ވަނީ ދޫވެހީގައި ފައިސާ ގުނިއިރު ހުރީ ކޮޅަށްކަން ނުވަތަ ތިބީ އިށީނދެގެން ކަން ބުނެދެވިފައި ނުވާކަމަށެވެ. ޔޫސުފް ނައީމް ދޫވެއްސަށް ވަތް ގޮތެއް ބުނެ ނުދެވޭ ކަމަށާއި 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލު ކުރުމުން ފައިސާ ހަމަތޯ ނުބަލައި އޭނާ ލިޔުމެއްގައި ސޮއިކުރި ކަމަށް ދެ މީހުންގެ ހެކިބަހުގައި ބުންޏަސް އެއީ ސަބަބުވެރި އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް ހުކުމުގައި ވެއެވެ.