އަޖައިބު ކުރުވަނިވި ރީތި ދޫންޏެއް ކަމަށްވާ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫންޏަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގެ އުތުރުގެ އެކި ހިސާބުތަކުން ފެންނަ ދޫންޏެކެވެ. މިދިޔަ 2021 ވަނަ އަހަރުގެ ފަހު ކޮޅު ރާއްޖެއަށް ޒިޔާރަތްކުރި ފްލެމިންގޯގެ ވާހަކައާއި އެ ދޫނިތަކުގެ އަަޖައިބު ކުރުވަނިވި ރީތި ފޮޓޯތައް ފެނުމުން އެތައް ބަޔަކު އެ ދޫނިތައް ބަލާލަން ދިޔައެވެ.

އޭރުވެސް ހދ. ކުޅުދުއްފުއްޓާއި ހއ. ބާރަށާއި އަދި ށ. ފުނަދޫ ފަދަ ރަށްރަށުގެ ކުޅިތަކާއި މޫދު ކައިރިން މި ދޫނިތައް ވަނީ ފެނިފައެވެ. އަނެއްކާ ވެސް މި ފަދަ ފްލެމިންގޯ އައިނެއް މި ވަނީ ހދ. ކުޅުދުއްފުށިން ފެނިފައެވެ. އެ ދޫނިތަކުގެ ހިތްގައިމު ރީތި ފޮޓޯތައް އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.

ށ. ފުނަދޫ މީހަކު ބުނި ގޮތުގައި އޭރު ފްލެމިންގޯތައް އައި ފަހުން ދޭތެރެދޭތެރެއިން އެ ރަށު ކުޅިން ފްލެމިންގޯ ފެނެއެވެ. އެންމެ ފަހުން މިދިޔަ އޮކްޓޯބަރު މަހު އެ ސޮރުމެން ފެނުނު ކަމަށާއި އޭގެ ފަހުން އެ ސޮރުމެން ނުފެންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް އެ މީހާ ބުނެއެވެ. އެހެންކަމުން ބެލެވެނީ އެ ސޮރުމެން ކޮންމެ ވެސް އެހެން މަންޒިލަކަށް ހިޖުރަކުރީ ކަމަށެވެ.

ކުޅުއްދުއްފުށީ ކުޅީގައި ފްލެމިންގޯތައް / ފޮޓޯ: ޖައުފަރު އަލީ

ރާއްޖެއަށް ފްލެމިންގޯ ޒިޔާރަތް ކުރި ދުވަސްވަރު ބައެއް މީހުން އެ ދޫނިތައް ހިފައި ވިއްކަން ޕޭޖުތަކުގައި ވެސް ޖަހާފައި ވެއެވެ. އޭރު އެ މަސައްލަ ހޫނުވެ އީޕީއޭއިން ވަނީ ރާއްޖެއަށް ހިޖުރަ ކުރާ އެފަދަ ދޫނިތައް ހިފައި އެ ސޮރުމެންނަށް އަނިޔާ ކޮށް އަދި ވިޔަފާރި އުސޫލުން ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

ފްލެމިންގޯ އަކީ ޝްރިމްޕް އާއި ސްނެއިލްސް، އަދި އެލްގީ ނަމަކަށް ކިޔާ ގަސްގަހާގެހި ފަދަ ފެނުގެ ދިރުންތައް ކާ ދޫންޏެކެވެ. އާންމުކޮށް ފިޔާތޮށި ކުލައަކަށް ހުންނަ މި ދޫނި އުފަންވާ އިރު ހުންނަނީ ހުދު ކުލައަކަށެވެ. ނަމަވެސް ކާންބޯން ބޭނުންކުރާ ތަކެތީގެ ސަބަބުން އެސޮރުމެންގެ ގަޔަށް ފިޔާތޮށު ކުލަ އަރަން ފަށައެވެ.

ރާއްޖެއިން ފެންނަ ފްލެމިންގޯތައް އެހާ ފިޔާތޮށި ކުލަ މަޑު ކޮށް ހުންނަ ސަބަބެއް ކަމަށް ބެލެވެނީ އެ ސޮރުމެން ދިރިއުޅެމުން އަންނަ މާހައުލުގެ ސަބަބުން ކަމަށް ބެލެވެއެވެ. އެކި މޫސުންތަކުގައި އެކި މަންޒިލްތަކަށް ހިޖުރަ ކުރާ މި ދޫންޏަކީ އައިން އައިނަށް ދުރު މަންޒިލްތަކަށް އުދުހި ދާ ދޫންޏެކެވެ.