ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 107 މައްސަލައެއް ހުސްވި ނޮވެމްބަރު މަހު ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 28 މައްސަލަ ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 25 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލައާއި ނަފްސާނީ ހާނިކައިގެ 9 މައްސަލަ ހިމެނޭ ކަމަށް ބުންޏެވެ.

މިބާވަތުގެ މައްސަލަ ތަކުގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލަ، ބިރު ދެއްކުމުގެ ގޮތުން ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ، ގްރޫމް ކުރުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުން ކުރުމުގެ މައްސަލަ އަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ނޮވެމްބަރު މަހު އެމިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާތައް ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންއައި ނަމަވެސް އެދެވޭ ހައްލެއް މިކަންކަމަށް ލިބިފައި ނުވެއެވެ.