ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފަށައިފިއެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ގަބޫލުކޮށް، އެ ހިދުމަތްތައް ފުޅާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މުޖުތަމައަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

މި ދަނޑިވަޅުގައި، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި މައުލޫމާތުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރާނެތީ، އެކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ހަގީގަތާ ހިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށާއި މީޑިއާތަކަށް ވަނީ ބާރުއަޅާފައެވެ.

"ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި، އަގުހުރި އަމާނާތެކެވެ. ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭނެ،" ހެލްތް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެހެންކަމުން، އެކަކު އަނެކަކަށް ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން އިސްކޮށް، އެކަކު އަނެކެއްގެ ހާލުބަލައި، ތަފާތުކުރުމެއް ނެތި އެހީތެރިވުމަށް ވަނީ ގޮވާލާފައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ، ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ނޭޝަނަލް މެންޓަލް ހެލްޕްލައިން '1677' މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައިވާ އެއްވެސް ފަރާތަކީ އެކަނިވެރިއެއް ނޫންކަން ގަބޫލުކޮށް، ލަސްނުކޮށް އެހީތެރިކަން ހޯދުމަށް ވެސް ވަނީ އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އިސްކަމެއް ދެމުން ދާއިރު، މުޅި މުޖުތަމައު ގުޅިގެން ރައްކާތެރި އަދި އޯގާތެރި ވެށްޓެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ހެލްތް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.