މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ފައިސާ ދިން ކަމަށާއި އެކަމަކު އެ ފައިސާއަށް ވީ ގޮތެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ދެ ދުވަހުގެ މުއްދަތަށް ވަނީ "ޗާލު މިސްކިތް" ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި ހަރަކާތަށް 7 ލައްކަ ރުފިޔާ ލިބިފައި ވެއެވެ،

މާލެ ސިޓީ ކައުންސިލުން ބުނީ މި ހަރަކާތް ބާއްވަން ޖެހުނީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާގެ ބަޖެޓަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި އަދި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދަކަށް ނުވާތީ ކަމަށް ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި ވާއިރު އިސްލާމިކް މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ކައުންސިލަށް ފައިސާ ދީފައި ވާކަމަށެވެ. މިސްކިތްތަކުގެ މަރާމާތަށް ކޮންމެ އަހަރަކު ވެސް ސަރުކާރުން ބަޖެޓެއް ހަމަޖައްސާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު މިސްކިތްތައް މަރާމާތު ކުރުމަށް ކައުންސިލާ ހަވާލުކުރި އެއް މިލިއަން ރުފިޔާއަށް ވީ ގޮތެއް ނޭނގޭކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ކައުންސިލާއި ހަވާލުކުރި ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓް ހުށަހެޅުމަށް ކައުންސިލްގައި އެދިފައިވާނެ ކަމަށާއި އެހެންނަމަވެސް ކައުންސިލުން އެކަން ކޮށްފައި ނުވާކަމަށެވެ. އަދި އެ އަހަރު ކައުންސިލުން އެ ފައިސާ ބޭނުން ނުކުރާ ކަމަށާއި ފައިސާ ހުރި ކަމަށް ބުނެފައި ވާއިރު 2021 ވަނަ އަހަރު އެ ފައިސާ ބޭނުން ނުކުރެވޭނެކަން އަންގާފައި ވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ނިމިގެން ދިޔަ 2022 ވަނަ އަހަރުވެސް ދެ މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާ އެކަން ކައުންސިލަށް އަންގާފައި ވާނެކަމަށެވެ. އަދި އެ އަހަރު މިނިސްޓްރީން ވަނީ ކައުންސިލަށް ފައިސާ ދޫކުރުމުގެ ބަދަލުގައި، މަސައްކަތް ކޮށްފައި ބިލްތައް ފޮނުވަން ކަމަށާއި އެހެންނަމަވެސް އެކަން ކައުންސިލުން ކޮށްފައި ނުވާކަމަށެވެ.

މިސްކިތްތައް މަރާމާތު ކުރުމަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 3 މިލިއަން ރުފިޔާ ހަމަޖައްސާފައި ވީ ނަމަވެސް ސިޓީ ކައުންސިލުން އެފައިސާ ނުހޯދާ އެހެނިހެން ގޮތްގޮތުން ފައިސާ ހޯދާތީ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.