ނ. އަތޮޅުގެ ރަށްތަކާއި ފަޅުތައް ވިއްކަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.
ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަށް ނިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ގިރާވަރު ފަޅުގައި 'ރެސިޑެންޝަލް ސިޓީއެއް" އެއް ހަދަން ގަރާރެއް ނެރުއްވާފައެވެ. މި މަޝްރޫއު އަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 5 މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ ކަމަށްވެސް މި ގަރާރުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފައިސާ ހޯދުމަށް ނ. އަތޮޅު ދެކެނަން ފަރާއި އެރަށާ ޖެހިގެން އޮތް ފަޅުރަށެއް ވިއްކާލުމަށް ވަނީ ނިންމާފައެވެ. މި ގޮތުން މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ނ. އަތޮޅު ފަޅެއް ވިއްކާލައިގެން ގިރާވަރު ފަޅު ތަރައްގީ ކުރަން 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ހޯދާފައެވެ. އަދި މިހާތަނަށް އެ ފައިސާގެ ތެރެއިން 6 މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނ. އަތޮޅުގެ ކައުންސިލުގެ ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ 2 ތަން، (ދޮނައެރިކަނޑޫދޫ އާއި ކެނދިވަރު) ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 8 ވަނަ މާއްދާ އާ ހިލާފަށް ކަމަށެވެ. އަދި މިއީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގުދުރަތީ ވަސީލަތްތަކާއި ބިން ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އާއްމު ހައްގު ގެއްލޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
މިކަން ކުރަމުން ދަނީ ކޮން ބައެއްތޯ ބަލާ ތަހުގީގުކޮށް މިފަދަ ކަންކަން ހުއްޓުވުމަށް ޝަރީއަތުންނާއި އެހެން އިދާރާތަށް މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމަށް އެ ކައުންސިލުން ބުނެ ވަނީ ސިވިލް ކޯޓަށްވެސް ހުށަހަޅާފައެވެ. ސިވިލް ކޯޓަށް، ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ، ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވައިދިނުމަށް އެދިފައެވެ.
ކެނދިވަރާއި ދޮނައެރިކަނޑޫދޫގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވާއިރު އެއަތޮޅު ތޮޅެންދޫ ވެސް އަތޮޅު ކައުންސިލްގެ މަޝްވަރާ ނެތި ޓޫރިޒަމަށް ދޫކުރަން އުޅުމުން އެ ކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ނިންމާފައި ވެއެވެ.