ޑިޕްރެޝަންގެ ވޭނާއި އުނދަގޫތައް ތަހައްމަލް ކުރަން ޖެހުނު ކަމަށް ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރިތިކް ރޯޝަން ބުނެފިއެވެ.

ފިޓްނަސް ޓްރެއިނާ ކްރިސް ގެތިންގެ ޕޮޑްކާސްޓަށް ދާދިފަހުން ރިތިކް ދިން އިންޓަވިއުއެއްގައި ބުނީ ޑިޕްރެޝަނު ބަލި ތަހައްމަލު ކުރަން އޭނާ ޖެހުނު ކަމަށާއި އެ ބަލި އެންމެ ބޮޑުވެގެން ދިޔައީ ފިލްމު "ވޯ" ކުޅުނު ދުވަސްވަރުގައި ކަމަށެވެ. 2019 ވަނަ އަހަރު މި ފިލްމު ރިލީޒްކުރި އިރު ރިތިކް ބުނީ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު ގިނަ ފަހަރު އޭނާ އާ ހެދި ގިނަ މަންޒަރުތައް އަލުން ނަގަން ޖެހުނު ކަމަށާއި އެ ދުވަސްވަރަކީ ބަލީގެ ސަބަބުން މީހާ އެއްކޮށް ހުއްޓިފައި ހުރި ދުވަސްވަރެއް ކަމަށެވެ.

އޭނާ ބުނީ އެ ފިލްމަކީ އޭނާ އަށް ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި އެދުވަސްވަރު އޭނާ ހުރީ އެފަދަ ބޮޑު ފިލްމަކަށް ތައްޔާރަށް ނޫންކަމަށާއި ދެން މި މަރުވަނީ އޭ ހިތަށް އެރި ފަހަރުވެސް އައި ކަމަށެވެ. އޭނާ ބުނީ ފިލްމުގެ ޝޫޓިން ނިންމުމަށް ފަހު ގެއިން އެއްގޮތަކަށްވެސް ނުނިކުމެ ހަތަރު ވަރަކަށް މަސް ފާއިތުވި ކަމަށާއި ދުވާލެއް ރޭގަނޑެއް ވަކިނުވާ ވަރަށް އޭނާގެ ބަލި ހާލަތު ބޮޑުވި ކަމަށެވެ.

"މީހާ އަށް ވާނުވާ ނޭނގޭ ހިސާބަށް ދިޔަ. އެތައް ފަހަރަކު މަރުވަނީ އޭ ހިތަށް އެރި. އަބަދު ނޭވާ ހާސްވެފައި އަހަރެން ހުންނަނީ. މިހިސާބަށް ދިޔައީމަ އެނގުނު މިކަމުން އަރައިގަންނަން މަސައްކަތް ކުރަން އެބަޖެހޭ ކަން،"
ރިތިކް

ރިތިކް ބުނީ ޑިޕްރެޝަންގެ ފުން ވަޅުގަނޑަށް އޭނާ ވެއްޓުނު އިރު ނުވެސް އެނގޭ ކަމަށާއި ކަމެއްވާ ކަން ވެސް އިހުސާސްވީ އޭނާގެ މުޅި ލައިފްސްޓައިލް އެފުށް މިފުށަށް ޖަހަން ފެށި ހިސާބުން ކަމަށެވެ. ޑިޕްރެޝަންގެ ވާހަކަތައް ރިތިކް ތިލަ ކުރިއިރު އެންމެ ފުރަތަމަ ބޮލީވުޑުން ޑިޕްރެޝަންގެ ވާހަކަ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ދެއްކީ ބަތަލާ ދީޕިކާ ޕަޑުކޯންއެވެ. 2015 ވަނަ އަހަރު އޭނާ ވަނީ ޑިޕްރެޝަނަށް ޑައިގްނޯސްވިކަން އާންމު ކޮށްފައެވެ.

އެކްޓަރު ރިތިކް މިހާރު މަސައްކަތްކުރަމުން އަންނަނީ ވެސް ބަތަލާ ދީޕިކާ ޕަޑުކޯން އާއެކުގައެވެ. ދެތަރިން އެކުގައި ފެނިގެންދާ ފިލްމަކީ "ފައިޓާ" އެވެ.