ޗައިނާގެ ކޮވިޑްގެ ހާލަތުގެ ސާފު މައުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ ޑަބްލިއުއެޗްއޯ އިން ވެސް ކުރަމުން ދާ ދަނޑިވަޅެއްގައި، ޗައިނާ ސަރުކާރަށް ފާޑުކިޔާ ސޯޝަލްމީޑިއާ އެކައުންޓްތަކެއް ބްލޮކޮށް ކޮށްފިއެވެ.

ޗައިނާގައި ބޭނުން ކުރާ ވެއިބޫ އިން ބުނީ، ޗައިނާގެ ކޮވިޑްގެ ސިޔާސަތާ ފުށޫ އަރާ ގޮތަށް މެޑިކަލް ވޯކަރުންނާއި އެކްސްޕާޓުންނާއި މާހިރުންގެ އިތުރުން ޑޮކްޓަރުންނަށް އަމާޒުކޮށް ފާޑުކިޔާފައި ވާ 12،854 ޝަކުވާއެއް ލިބި ބަލާފައި ވާ ކަމަށެވެ. އަދި އެ ޝަކުވާތަކާ ގުޅޭ 1120 އެކައުންޓެއް މިހާރު ބަންދުކޮށްފައި ވެސް ވާ ކަމަށެވެ.

ދުނިޔެއަށް ކޮވިޑް ފެތުރި، ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ދިމާވަމުން އައި އިގްތިސޯދީ ހާލަތްތަކާ ގުޅިގެން މުޅި ދުނިޔެ ހުޅުވާލި އިރުވެސް ޗައިނާ ހުޅުވައެއް ނުލައެވެ. ކޮވިޑާ ގުޅިގެން ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ތަންފީޒު ކުރަމުން ދިޔަ ޗައިނާ މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ޗައިނާގެ ރައްޔިތުންނަށް މާދަމާއިން ފެށިގެން ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރެވޭ އިރު، ހުސްވި މަހު ގައުމު އާންމުކޮށް ހުޅުވާލުމުން ކޮވިޑް ފެތުރޭ މިންވަރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ސިއްހީ ވަސީލަތްތަކާއި ސިއްހީ މާހިރުންގެ އިތުރުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާ ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭހާއި ފަރުވާ ނުލިބޭ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ޗައިނާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އެވާހަކަ ދައްކަމުންނެވެ.

ޗައިނާ ހުޅުވާލި ވަގުތާ ދިމާވެ ފެތުރެމުން ދަނީ އޮމިކްރޯން ވައިރަހުގެ ވޭރިއަންޓެއް ކަމަށް ވާ ބީއެފް7 އެވެ. މި ވައިރަހަކީވެސް ހަލުވިކަމާއެކު ފެތުރެމުން ދާ ވައިރަހެއް ކަމަށާއި ޗައިނާގައި ދުވާލެއްގެ މައްޗަށް އެވްރެޖް ކޮށް މިލިއަނެއްހާ މީހުން ޕޮޒިޓިވް ވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އެ އަދަދުތަކުގެ ސާފު މައުލޫމާތު ނުލިބޭ ކަމަށް ޑްބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

ޗައިނާ އާންމުކޮށް ހުޅުވާލި އިރު، ދުނިޔޭގެ ބައެއް ގައުމުތަކުން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށް ވަނީ އާ އުސޫލުތަކެއް އިއުލާން ކޮށްފައެވެ. އެ ގޮތުން 48 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް ނުވަތަ އެންޓިޖެން ޓެސްޓެއްގެ ނަޖީތާ ގެންދަން އެމެރިކާއާއި ޔޫރަޕާއި، އިންޑިއާއިން ވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ.