އިނގިރޭސި އަސްކަރިއްޔާ އަށް 10 އަހަރު ހިދުމަތް ކުރި ޝާހީ އާއިލާގެ ޕްރިންސް ހެރީ، އޭނާގެ ހިދުަތުގެ މުއްދަތުގައި އަފްގާނިސްތާނުން 25 މީހުން މަރާލި ކަމަށް ބުނެ ތޯލިބާނުންނަކީ ރާޒުވާ ކުޅިތަކެއްގެ ގޮތަށް ސިފަކުރުމުން ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

ހެރީ، މި ވާހަކަތައް ދައްކާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އޭނާގެ އޮޓޯބައޮގްރަޕީ "ސްޕެއާ" ގައެވެ. އޭގާއި އޭނާ ބުނެފައި ވަނީ ތޯލިބާނުން ނުވަތަ ހަތިޔާރު އަޅައިގެން އަފްގާނިސްތާންގައި ހަރަކާތްތެރިވާ ތޯލިބާނުންނަކީ ރާޒުވާ ކުޅިބައެއްގައި އަތުރާފައި ހުންނަ ކުޅިތަކުގެ ތެރެއިން ފަހަރަކު ކުޅިއެއް ކާލާހެން، ނައްތާލަން ޖެހޭ ބައެއްކަމަށް ސިފަވާ ގޮތަށް ވާހަކަ ދައްކާފައެވެ. އަދި އެއީ އިންސާނުންނަށް ވުރެ ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ވެސް އޭނާގެ ވާހަކައިގެން ސިފަވާކަމަށް މާހިރުން ބުނެއެވެ.

މީގެ އިތުރުން ހެރީ ވަނީ އޭނާ އަފްގާނިސްތާނުގައި މަސައްކަތް ކުރި މުއްދަތުގައި 25 މީހަކު މަރަލި ކަމަށް ވެސް އެ ބައޮގްރަފީގައި ބުނެފައެވެ.

މިއާއެކު އިނގިރޭސި ކުރީގެ ބައެއް އޮފިސަރުންނާއި ތޯލިބާނުން ވަނީ އޭނާއަށް ރައްދު ދީފައެވެ. އިނގިރޭސި އޮފިސަރުން ބުނީ، މީހުން މެރި ވާހަކަ ހެރީ ވިޔަސް އެހެން މީހަކު ވިޔަސް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އަސްކަރިއްޔާގައި ކިޔަވައިދެނީ ނުވަތަ ދަސްކޮށްދެނީ ހަނގުރާމައެޅި ތޯލިބާންގެ މީހުންނަކީ އިންސާނުންނަށް ވުރެ ދަށު ދަރަޖައިގެ ބައެއް ކަމަށް ނޫން ކަމަށާއި އެއީ ރާޒުވާ ކުޅިބައިގެންގެ ކުޅިތައްހެން ކާލަން (ނައްތާލަން) ވިސްނޭ މާނައިގައި ވެސް ނޫން ކަމަށެވެ. އަދި ހެރީގެ އެވާހަކަތަކުން އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުގެ އިތުރުން އޭނާގެ އެ ވާހަކަތަކުގެ ސަބަބުން އިނގިރޭސި ލަޝްކަރާއި އިނގިރޭސީންނާ މެދު އޮންނަ ތަސައްވުރުވެސް އިތުރަށް ކިލަނބުވެގެން ދާނެ ކަމަށެވެ.

ހެރީއަށް ރައްދު ދީ، ތޯލިބާންގެ ދާހިލީ ވަޒީރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަނަސް ހައްގާނީ ބުނީ، ތޯލިބާނުންނަކީ ރާޒުވާ ކުޅިތަކެއް ނޫން ކަމަށެވެ.

"އޭ ހެރީ، ކަލޭ މަރާލި މީހުންނަކީ ރާޒުވާ ކުޅިތަކެއް ނޫން، އެއީ އިންސާނުން، އެމީހުންގެ އާއިލާތައް އެބަތިބި، އެ އާއިލާތަކުން އެތިބެނީ އެމީހުންގެ އިންތިޒާރުގައި"
ހައްގާނީ

އޭނާ އިތުރަށް ބުނީ، ހެރީ ގޮތަށް އަފްގާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާ ހިންގި ގިނަ މީހުންނަށް ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކާ އެމީހަކު ކުރި ކުށަށް އިއުތިރާފް ވާން ނުކެރޭ ކަމަށެވެ.

ހެރީގެ އޮޓޯބައޮގްރަފީގައި އޭނާ އިތުރަށް ބުނެފައި ވާ ގިނަ ވާހަކަތައް އަދި ހާމައެއް ނުވެއެވެ. ނަމަވެސް މީހުން މެރުމާ ބެހޭ ގޮތުން އޭނާ ބުނީ، އޭރު އޭނާ ދުއްވި އެޕާޗޭ ހެލިކޮޕްޓަރުގައި އިންނަ އިރު މަރުވާ މީހުންގެ މަންޒަރުތައް ނޭފަތު ކުރީގައި ހަރުކޮށްގައި ހުންނަ ކެމެރާއަށް ރެކޯޑްވާ ކަމާއި، ބޭސް އަށް އެނބުރި ގޮސް އެ ހުރިހާ މަންޒަރުތަކެއް އަލުން ބަލާ ކަމަށެވެ.

ހެރީގެ މިވާހަކަތަކާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ރަސްމީ ކޮމެންޓެއް އަދި ނެތެވެ.