މިދިޔަ މަހުގެ 21 ވަނަ ދުވަހު ހެންވޭރުގެ ގެއެއްގައި ހިނގި ހަމަނުޖެހުމުގައި ބޭބެ އަށް ވަޅިން ހަމަލަދިން މައްސަލައިގައި ހައްޔަރުކުރި އަންހެނަކު ދޫކޮށްލައިފިއެވެ.

މީޑިއާ އަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓަން ނުފެންނާތީ އިއްޔެގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 25 އަހަރުގެ ލަމްހާ ނަސީރަށް 15 ދުވަހުގެ ބަންދެއް، މިދިޔަ މަހުގެ 22 ގައި ކޯޓުން ވަނީ ޖަހައިފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، ލަމްހާ ޑްރަގްގެ ބާވަތަކަށް ޕޮޒިޓިވްވެފައިވެއެވެ.

އެ މާރާމާރީގައި 37 އަހަރުގެ މީހަކު ޒަހަމްވިއިރު، ސެނަހިޔާ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން އޭރު ބުނި ނަމަވެސް، އޭނާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ބަލަމުންދާ ކަމަށެވެ.