ތެޔޮ ބޯޓުން ގެއްލިގެން ފުލުހުން ހޯދި ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) ހައްޔަރުކޮށް ބަންދަށް 60 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ނިޒާމް ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް 29 ވަނަ ދުވަހުގެ ވަގުތެއްގައި އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލެ ނެރު ކައިރިން އޮޔާ ދަނިކޮށް ވަނީ ފެނިފައެވެ. އެ ބޯޓު ފެނުނު އިރު ވެސް އެ ބޯޓުގައި ފުރައިގެން ދިޔަ ދެ މީހުން ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން އައި ދެ މީހުންގެ ތެރެއިން ނިޒާމް މާލޭގައި އުޅޭ ކަމަށް ބުނެ މި މަހުގެ 2 ވަނަ ދުވަހު ފޮޓޯ ދައުރުވެފައިވާއިރު އިއްޔެ ފުލުހުން ބުނީ ގެސްޓު ހައުސްއަކުން ނިޒާމް ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް ދެން ހޯދަމުން އައި މުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން އަދި ފެނިފައެއް ނުވެއެވެ.