ގއ. ދެއްވަދޫން މަހަށް ނިކުތް ދޯންޏަކުން އެންދަމަށް ފޭބި މީހަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީޑިއާ އަށް ފޮނުވި މައުލޫމާތުގައި ފުލުހުން ބުނީ، ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެން ދަމަން މޫދަށް ފޭބި މީހެއްގެ ހަބަރެއް ނުވެ، އޭނާ ގެއްލިފައިވާ ކަމަށް މިއަދު 8:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ދެއްވަދޫ އާ މޭލެއްހާ ބޭރުން ކަނޑުމަތިން އެ މީހާ ފެނިގެން އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.