އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ވަކާލާތުކުރާ އެ ސްކޫލްގެ ބޯޑު މެންބަރުންނަށާއި ބެލެނިވެރިންނަށް ދައުލަތާއި އެހެނިހެން ފަރާތްތަކުން ފުރައްސާރަކުރަމުންދާ ކަމަށާއި، އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަށް ނިސްބަތްވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ކުރި އިލްތިމާސެއްގައި ވަނީ އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މައްސަލަ އަށް އަލިއަޅުވާލައިފައެވެ. ބެލެނިވެރިން ބުނާ ގޮތުގައި، އެ މައްސަލައިގެ ސަބަބުން ކުދިންގެ ތައުލީމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.
މިހާރު އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުން އަންނަނީ އޮފީސް އިމާރާތެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އިމާރާތެއްގެ ތެރޭ ކަމުގައި ވުމުން، ސީއެޗްއެސްއީގެ ލެބޯޓަރީ އަރަބިއްޔާގެ ދަރިވަރުންނަށް ހަމަޖެހިގެން ދާނެ ކަމަށް ސަރުކާރުން ބުނި ކަމަށް ބެލެނިވެރިން ބުނެފައިވެއެވެ. ނަމަވެސް ބެލެނިވެރިން ބުނި ގޮތުގައި، މިހާރު ކިޔަވަމުންދާ އިމާރާތުގައި ދަރިވަރުން ކިޔަވަން ފެށިތާ އަހަރެއްވީ އިރު، ލެބޯތަރީ ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވަނީ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކަންޏެވެ.
"ނަމަވެސް މިހާރު ކިޔަވަމުން ގެންދާ އިމާރާތުގައި ކިޔަވަން ފެށިތާ އެއް އަހަރު ވީއިރު، ލެބޯޓަރީގެ ފުރުސަތު ލިބިފައިވަނީ ހަމައެކަނި ގްރޭޑް 12 ގެ ދަރިވަރުންނަށް ކަމާއި، އަދި މި ކުދިންނަށް ވެސް މި ފުރުސަތު ގަވައިދުން ލިބެމުން ނުދާކަން." ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ.
ލެބޯޓަރީގެ އިތުރުން ލައިބްރަރީގެ ހިދުމަތް އެކަށީގެންވާ މިންވަރަށް ލިބެމުން ނުދާ ކަން ފާހަގަކޮށް، ބެލެނިވެރިން ވަނީ ދަރިވަރުންގެ ޓައިމްޓޭބަލްގައިވާ ގޮތަށް ލެބޯޓަރީ ބޭނުންކުރުމުގެ ފުރުސަތު ދިނުމަށާއި، ލައިބްރަރީގެ ގޮތުގައި އިސްލާމީ މަރުކަޒުގެ ނުވަތަ ސަލްމާން މިސްކިތުގެ ލައިބްރަރީ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން، އެހެން ސްކޫލްތަކުގެ ދަރިވަރުންނެކޭ އެއްފަދައިން އަރަބިއްޔާ ދަރިވަރުން އިތުރު ހަރަކާތް ހިންގުމަށްޓަކައި އެކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ކުޅިވަރު ހަރަކާތްތަކަށް ބޭނުންވާ ޖާގަ ދިނުމަށް ވެސް ބެލެނިވެރިން އިލްތިމާސްކޮށްފައިވެއެވެ. ބެލެނިވެރިން ބުނާ ގޮތުގައި، ސްކޫލާ އިންވެގެން މިހާރު ވެސް ދައުލަތާއި ސިޓީ ކައުންސިލްގެ ބިން ހުރުމުން އެފަދަ ފުރުސަތުތައް އެއްވެސް ދަތިކަމެއް ނެތި ދަރިވަރުންނަށް ފަހިކޮށްދެވޭނެއެވެ.
އޭގެ އިތުރުން ބެލެނިވެރިން ކުރި އެހެނިހެން އިލްތިމާސްތަކުގެ ތެރޭގައި ހިމެނެނީ:
- މި އަހަރުގެ ފުރަތަމަ ޓާމް ފެށޭއިރު އަރަބިއްޔާ ދަރިވަރުންގެ ކިޔެވުމުގެ މާހައުލުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުން، އެގޮތުން ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް މި އަހަރުގެ ތެރޭގައި ނިމުމުން މިހާރު އެ ސްކޫލް ހިނގަމުންދާ އިމާރާތަށް ކުދިން ބަދަލުކޮށްދެވޭނެ ކަމަށް ބެލެނިވެރިން ބުނޭ
- އަރަބިއްޔާގެ ދާއިމީ އިމާރާތެއްގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުން، ނޫން ނަމަ ޗާންދަނީ މަގުގައި މިހާރު ހުރި އެ ސްކޫލްގެ އިމާރާތް މަރާމާތުކުރެވޭނެ ގޮތެއް ހޯދައި ވީ އެންމެ އަވަހަކަށް މަސައްކަތް ފެށުން
- ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ތަރައްގީކުރެވި، މުޖުތަމައަށް ފައިދާ ކުރާނެ ކަމަށް ގަބޫލުކުރެވޭތީ އެކި ރަށްރަށުގައި އަރަބި އިސްލާމީ ތައުލީމް އިތުރަށް ތަރައްގީކުރުމަށް ކުރަން ޖެހޭ ކަންކަން ރާވާ ހިންގުން
ބެލެނިވެރިން ބުނީ އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް ފުރުސަތުތައް ފަހިވެފައިވާ ގޮތަށް އަރަބިއްޔާގެ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ލިބެން ޖެހޭނެ ކަމަށެވެ. ބެލެނިވެރިން ފާހަގަކުރި ގޮތުގައި އަރަބިއްޔާ ނޫން އެހެން ސްކޫލްތަކަށް ވެސް އަރަބިއްޔާގައި ދިމާވެގެން އުޅޭ މައްސަލަ ތަކުރާރުކޮށް ދިމާވާ ނަމަ، އެ ސްކޫލްތަކުގެ ބެލެނިވެރިން ވެސް އަޑު އުފުލަމުން ދާނެއެވެ.
ބައެއް މުއައްސަސާތަކުން ބެލެނިވެރިންނަށް މުއާމަލާތް ކުރަނީ ވަރަށް އިހާނެތިކޮށް
އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި ވަކާލާތުކުރާ ބެލެނިވެރިންނާއި ދަރިވަރުންނަށް، ދައުލަތުގެ އެކި މުއައްސަސާތަކުންނާއި އެހެނިހެން ފަރާތްތަކުން އިހާނެތިކޮށް ހިތައި ފުރައްސާރަ ކުރަމުންދާ ކަމަށް ބެލެނިވެރިން ބުންޏެވެ. އެގޮތުން:
- އަރަބިއްޔާގެ ބެލެނިވެރިންގެ ތެރޭގައި ތިބި ގިނަ އަންހެނުންނަކީ މޫނު ބުރުގާ އަޅާ މީހުން ކަމަށްވާއިރު، ބެލެނިވެރިންނާ ބައްދަލުކުރުމަށް ދެކޮޅު ހެދުންއެ މީހުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރުން
- އެ މީހުން ކަންކަމުގައި ވާހަކަ ދެއްކުމަކީ ކޮން ފަދައަކުން ކުރެވޭ ކަމެއްތޯ ސުވާލު އުފެއްދުން
- ބައެއް ދަރިވަރުން ތުނބުޅި ބަހައްޓާތީ އެކުދިން ހަނގުރާމަ އަށް ދާނެ ކަމަށް ތުހުމަތުކުރުންއެ މައްސަލައިގައި ބެލެނިވެރިން ވަކާލާތުކުރާތީ އިންޒާރުދީ، ކުދިންގެ ހާޒިރުގައި ބެލެނިވެރިންނާ ކުޑައިމީސްކޮށް ވާހަކަ ދެއްކުން
ބެލެނިވެރިން ބުނީ، އަރަބިއްޔާގެ ދަރިވަރުންގެ ތައުލީމީ ފުރުސަތުތައް ހަނިނުކުރެވޭނެ ކަމަށާއި، ދަރިވަރުން ކިޔަވަމުން ދަނީ ވެސް ސަރުކާރު ގަބޫލުކުރާ މަންހަޖެއްގެ ތެރޭގައި ކަމަށެވެ. ހަމަ އެއާއެކު އަރަބިއްޔާ އިން ދަރިވަރުވި އެތައް ދަރިވަރަކު މިއަދު ބައެއް ބޮޑެތި މަގާމުތަކުގައި ތިބިކަން ބެލެނިވެރިން ފާހަގަކުރެއެވެ.
"އަދި އެކުދިން ޔުނިވާސިޓީގެ ތައުލީމަށް، މިސްރުގެ އަޒްހަރު ފަދަ ދުނިޔެ ގަބޫލުކުރާ ޔުނިވާސިޓީތަކަށް ގޮސް ކިޔަވައިގެން އައުމަށް ފަހު ދިވެހިރާއްޖޭގައި ހިދުމަތްކުރަމުންދާ ޑޮކްޓަރުންނާއި ޓީޗަރުންނާއި އިންޖިނިއަރުން މަދެއް ނޫން ކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން."
ނަމަވެސް އަރަބިއްޔާގެ ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް، ސީރިޔާގައި ހަނގުރާމަކުރުމަށް ތައްޔާރުވަމުންދާ ބައެއްގެ ގޮތުގައި ދޮގު ތުހުމަތުތައް އަޅުވަމުންދާ މަންޒަރު ފެންނަ ކަމަށާއި، އެފަދަ އަމަލުތަކަކީ ނާތަހުޒީބު އަމަލުތަކެއް ކަމަށް ބެލެނިވެރިން ބުންޏެވެ.
އަރަބިއްޔާ ސްކޫލްގެ މައްސަލަތަކާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން އަޑު އުފުލަމުން ދާތީ، އެ ސްކޫލްގެ ވަގުތީ ޕްރިންސިޕަލް، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު އަހްމަދު، ޕީޓީއޭ އަށް އިންޒާރު ދިން ކަމަށް ބެލެނިވެރިން މީގެ ކުރިން ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އަރަބިއްޔާގެ އާ އިމާރާތުގެ މައްސަލައިގައި ސްކޫލްގެ ޕީޓީއޭ އިން އެއްވެސް ވަރަކަށް އުޅެގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއްގައި ޕީޓީއޭ އިން އުޅޭނަމަ އުވާލާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް ބެލެނިވެރިން މިދިޔަ މަހު ބުންޏެވެ.