އިންޑިއާގެ ދިއްލީގެ ކާންޖަވާލާ ޑިސްޓްރިކްޓުގައި ދެ އަހަންހެނަކު މަސައްކަތް ނިންމުމަށް ފަހު ދަނިކޮށް އައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައެވެ. އެ އެކްސިޑެންޓުގައި ކާރު ޖެހެނީ އެ ދެމީހުން ދުއްވަމުން ދިޔަ ސްކޫޓީގައި ކަމަށާއި އެއާއެކު ދެމީހުން ވެއްޓި ދުއްވަން އިން އުމުރުން 20 އަހަރުގެ އަންޖަލީ ސިންގް ކާރުގެ ދަށުވެއެވެ.
އޭނާ ކާރު ދަށުވި ވަގުތު ކޮންމެވެސް ގޮތަކުން ޓަޔަރާއި ކާރުގެ މައިގަނޑާ ދޭތެރޭ ތާށިވެއެވެ. އޭރު ކާރުގައި ތިބީވެސް އެ އުމުރު ފުރައިގެ 5 މީހުން ކަމަށާއި އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ކާރު ދިޔައީ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
އެއާއެކު އަންހެން މީހާ ކާރުގެ ދަށުގައި ތާށިވެފައި އޮތް ގޮތަށް އޮވެ ކާރު ދުއްވަމުން ދުއްވަމުން އެކި ސްޕީޑްގައި 2 ގަޑިއެއްހަ އިރު 12 ކިލޯމީޓަރަށް ދުއްވާފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އާންމުވެފައި ވާ ބައެއް ސީސީޓީވީ ފްޓޭޖްތަކުން ފެންނަ ގޮތުގައި ކާރު ޔޫޓާނެއް ނަގާ އިރު އަންހެން މީހާ ކާރުގެ ދަށުގައި ތާށިވެފައި އޮންނަތަން ފެނެއެވެ.
އެންޑީޓީވީން ބުނެފައި ވަނީ އަންހެން މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ބަރަހަނާ ހާލުގައި ކަމަށާއި މަގުމަތީގައި ދުއްވުމުގެ ސަބަބުން ގިނަ ޒަހަމްތައް ހުރި އިރު އޭނާ މަރުވެފައި ވާކަމަށްވެސް ބުނެއެވެ.
މިހާދިސާގައި ކާރު ދުއްވަން ތިބި މީހުންނަށް އެ ކާރުގެ ދަށުގައި އަންހެން މީހާ ތާށިވެފައި އޮތްކަން އެނގުމުން ހަަށިގަނޑު ދޫކޮށްލާ ކާރާއެކު ފިލި ކަމަށާއި ނަމަވެސް މިހާރު އެ 5 މީހުންވެސް ހައްޔަރު ކޮށްފިކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެމީހުން ހަށިގަނޑު ދޫކޮށްލަން ނުވަތަ ކާރުން ނައްޓަން ހެދިގޮތެއް ސާފެއް ނުވެއެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާ އިރު މިއަދު ބުނެފައި ވަނީ، ދެ އަންހެނުން މަސައްކަތް ނިންމާފައި ގެއަށް ދަނިކޮށް ހިނގި އެ އެކްސިޑެންޓުގައި ސްކޫޓީގެ ފަހަތުގައި އިން މީހާ، އެކްސިޑެންތް ވުމުން އެކަން ރިޕޯޓު ނުކޮށް ފިލީ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ހޯދާ މިހާރު ބަޔާން ނަގާފައި ވާ ކަމަށާއި އޭނާ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.
މިހާދިސާ ހިނގި ވަގުތު ފުލުހުންނަށް 5 ފަހަރު ރިޕޯޓު ކުރި ކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ. ނަމަވެސް ފުލުހުން އެކަމަށް އެޓެންޑް ވީ ނުވަތަ އެކަމާ އުޅުނީ މާ ލަހުން ކަމަށްވެސް ބުނެއެވެ.
މި ހާދިސާގައި އެމީހުން ދުއްވީ ބަލޭނޯ ބްރޭންޑްގެ ކާރެކެވެ. އެ ކާރަކީ އެމީހުން ރައްޓެއްސެއްގެ ބޭބެގެ ކާރު ކަމަށާއި އެރޭ ދުއްވާލަން ދާން ހޯދީ ކަމަށް ބުނެ އެންޑީޓީވީން އެ 2 މީހުންގެ ބަސް ވެސް ގެނެސްދީފައެވެ.