މާލޭ ފަޅުތެރެއަށް އެޅިފައިވާ ތެޔޮތައް ނެމުގެ މަސައްކަތް މިއަދަށް ހުއްޓާލި އިރު 700 ލީޓަރުގެ ތެޔޮ ނެގިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދަށް އެ މަސައްކަތް ހުއްތާލާފައިވާ ކަމަށާއި ދެން އެ މަސައްކަތް ކުރިއަށް ގެންދާނީ މާދަމާ ކަމަށެވެ.

މާލޭގެ ތިން ނަންބަރު ޖެޓީއާ ދިމާލު ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަޅު ތެޔޮ އެޅިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ، މި މަހުގެ އެއްވަން ދުވަހުގެ ހެނދުނު ގެ ވަގުތެއްގައެވެ. ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު ލިބުމާ އެކު ކޯސްޓްގާޑުގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން އެ ސަރަހައްދަށް ގޮސް ކަޅުތެޔޮ ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިހާތަނަށް ގިނަ އަދަދެއްގެ ތެޔޮ އެ ސަރަހައްދުން ނަގާފައި ވީ ނަމަވެސް އެ ސަރަހައްދަށް ތެޔޮ އެޅެން މެދުވެރިވީ ސަބަބު އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.