މި މަހު ފަހުކޮޅު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާ މީހުންގެ ލިސްޓުގައި 900 އެއްހާ މީހުން ނެތިގެން ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް، ޕްރައިމަރީ އިންތިޒާމްކުރާ ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީގެ ފަރާތުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޓީގެ މުގައްރިރު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، އިއްޔެ ހަވީރު 4 ގެ ނިޔަލަށް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ގިނަ ޝަކުވާތައް ހުރީ ވޯޓުލާ މީހުންގެ ލިސްޓުގައި ނަން ނެތިގެން ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އެހެން ޕާޓީތަކުގައި ނަން އޮތް 212 މީހުންނާއި ޕާޓީތަކުގައި ނަން ނެތް 683 މީހުން ކަމަށެވެ.

އިބްރާހީމް ވަހީދު ވިދާޅުވި ގޮތުގައި، ވޯޓުލާ ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކުގެ މައްސަލަތައް ބަލައި ނިމި، އެ ހުރިހާ ޝަކުވާތަކަކަށް ޖަވާބު ދިނުމަށް މިއަދު ޝަކުވަ ކޮމިޓީން ފަށާނެއެވެ.

ޝަކުވާތަކާ ގުޅިގެން، ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހަތަރު ސިޓީ އެއް ލިބުނު ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އަދި އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަށް އޭނާ ޖަވާބުދެއްވިއެވެ.

ނަޝީދު ފޮނުއްވި ހަތަރު ސިޓީގެ ހުލާސާ އާއި ކޮމިޓީގެ ޖަވާބު:

  • ފުރަތަމަ ސިޓީގައި ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ އިންތިހާބު ކޮމިޓީ ނެގުމުގެ ކުރިން ޕްރައިމަރީ އިއުލާނުކުރުން، މީގެ ކުރިން އަމަލުކޮށްފައިވާ ގޮތާއި އަސާސީ ގަވައިދުގައިވާ ގޮތަށް ބަލާއިރު އެއީ މައްސަލައެއް ނޫން ކަމަށް އިބްރާހީމް ވަހީދު ވިދާޅުވި
  • ދެވަނަ ސިޓީގައި ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ޕްރައިމަރީ އިއުލާނުކުރުމުގެ ކުރިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދު ފޯމުގައި ސޮއިކުރަން ފެށުން، ނަމަވެސް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ފޯމް ފޮނުވާފައިވާތީ، އިބްރާހީމް ވަހީދު ވިދާޅުވީ އެއީ މައްސަލައެއް ނޫން ކަމަށް
  • ތިންވަނަ ސިޓީގައި ނަޝީދު ވިދާޅުވީ، މިދިޔަ މަހުގެ 18 ގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި ތިބި މީހުންނަށް ޕްރައިމަރީގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާއިރު އެ ތާރީހުގެ ފަހުން ޕާޓީ އާ ގުޅުނު 457 މީހެއްގެ ނަން ވޯޓުލާ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށް، އެ ޝަކުވާ ސައްހަކަމަށް ބަލައި އެ އެންމެންގެ ނަންތައް ލިސްޓުން އުނިކުރަން ނިންމާފައިވާ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވި
  • ހަތަރުވަނަ ސިޓީ ހާމަކުރައްވާފަ އެއް ނުވޭ

ނަޝީދުގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި، އެމްޑީޕީގެ ދަފްތަރު އޮތީ "ގަޑުބަޑު"ކޮށްފައެވެ. އެހެންކަމުން ދަފްތަރު މައްސަލަ ހައްލުވަންދެން ޕްރައިމަރީ ފަސްކޮށްދިނުމަށް ނަޝީދުގެ ކެމްޕެއިން ޓީމުން އެދިފައިވެއެވެ. ނަމަވެސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނި ބުނުން ދޮގުކޮށް، ޕާޓީގެ ދަފްތަރު ސައްހަ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ޕްރައިމަރީ ފަސްކުރަން ޖެހޭ ސަބަބެއް އޮތްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އިބްރާހީމް ވަހީދު ވިދާޅުވީ، ޕްރައިމަރީ ފަސްކުރުމުގެ ބާރު އިންތިހާބު ކޮމިޓީ އަށް ލިބިގެން ނުވާ ކަމަށާއި، އެފަދަ ހާލަތެއް އޮތްކަން ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ކޮމިޓީގެ ޒިންމާ އަކީ ޕާޓީގެ ނިންމުންތަކާ އެއްގޮތަށް ޕްރައިމަރީ ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން އިންތިހާބުތައް ބާއްވައި، އެކަންކަން ކޮށްފައި އޮތުމާއި މިކަންކަމަށް ބަލާއިރު، މި ކޮމިޓީއަކަށް ފާހަގައެއް ނުވޭ އިންތިހާބު ލަސް ކުރަން ޖެހޭ ހާލަތެއް އޮތް ކަމަކަށް،" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ނަޝީދަށް ތާއީދުކުރާ ގިނަ މެންބަރުން ޕާޓީން ވަކިކުރިކަމަށް އެމަނިކުފާނު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި އިބްރާހީމް ވަހީދު ވިދާޅުވީ، ވަކިކުރި 39 ހާސް މެންބަރުންގެ ތެރެއިން 18 ހާސް މީހުންނަކީ އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި މީހުން ކަމަށާއި، ފަސް ހާހެއްހާ މެންބަރުން ޕާޓީ އާ އަލުން ގުޅިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަކިކުރި މެންބަރުންގެ ތެރޭގައި ރައީސްގެ އާއިލީ ބޭފުޅުން ހިމެނޭއިރު، އެ މެންބަރުން ވެސް އަލުން ޕާޓީ އާ ގުޅިގައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެވަޑައިގަތް ވައުދާ އެއްގޮތަށް، އެމްޑީޕީގެ ދަފްތަރުން މެންބަރުން އުނިކޮށްފައި ވަނީ އެހެން ޕާޓީތަކުން އެ ޕާޓީ އަށް ވަދެފައި ތިބި މެންބަރުން ކަމަށް އެ ޕާޓީން މީގެ ކުރިން ބުންޏެވެ. ދަފްތަރުން އުނިކުރި މެންބަރުންނަށް އެ ޕާޓީ އާ އަލުން ގުޅުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.