ޕީޕީއެމްގެ އިހްތިޖާޖުތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށް އަނިޔާވެރި ވާކަމަށާއި ސިޔާސީ ނުފޫޒުން މުއްދަތު ޖަހާފައިވާ ކަމަށް ބުނެ، އެ ކޯލިޝަންގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލް އާއި ހެންވޭރު ސްޓިއަރިން ކޮމިޓީގެ މެންބަރު އަބްދުﷲ އަދުލީ މިހާރުން މިހާރަށް ދޫކޮށްލުމަށް ޕީޕީއެމް ކޯލިޝަނުން ގޮވާލައިފިއެވެ.
ޕީޕީއެމް ކޯލިޝަނުން ބުނީ، ޒަމީލް އާއި އަދުލީ ހައްޔަރު ކޮށްފައި ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާ އެކުގައި ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ގޮތެއްގައި ދޮގު ބަޔާންތަކެއްގެ މައްޗަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަކީ ވެސް ސަރުކާރުގެ އިދާރާތަކުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އެހެންކަމުން ޒަމީލް އާއި އަދްލީ އެއްވެސް ޝުރަތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ. އަދި އެކަންކަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ މުއައްސަސާތަކުން ގާތުން ބަލަން ވެސް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.
ރައީސް އަބްދުﷲ ޔާމީނަށް ކުރީ ހަރާމް ހުކުމެއް ކަމަށާއި އެމަނިކުފާނު ޖަލަށް ގެންގޮސްގެން ވެސް އަނިޔާ ދެމުން ގެންދާކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ. ޕީޕީއެމް އިން މާލޭގެ މަގުތަކަށް އެއްވެ އަޑު އުފުލަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގުގެ އިންތަކުގެ ތެރޭގައި ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
އެހެންނަމަވެސް އެއްވެ ތިބޭ މީހުންނާއި ދިމާއަށް ފުލުހުންގެ ވެހިކަލް ބާރަށް ދުއްވާފައި ވަނުމާއި ފަހަތުން ދުވެ ގޮސް މަޑުން ތިބޭ މީހުންގެ ގަޔަށް އަރައިގަނެ، އެއްވެސް ބެލުމެއް ނެތި އަނިޔާވެރިކަމާ އެކު ހިފައިގަނެ އަނިޔާ ދެމުންދާކަން އެ ކޯލިޝަނުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފުލުހުންނާމެދު އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާތީ އާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފަދަ މުއައްސަސާތަކުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.