މާލެ ފަޅުތެރެއަށް ގިނަ އަދަދަކަށް ކަޅު ތެޔޮ އެޅިފައި ވުމުން، އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ރަސްމީ ފާލަމާއި މާލޭގެ ތިން ނަންބަރު ޖެޓީ އާ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 9:10 ހާއިރު ކަމަށެވެ.

ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު ލިބުމާ އެކު ކޯސްޓްގާޑުގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން އެ ސަރަހައްދަށް ގޮސް ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަނާއި މެރިންސް އާއި ކަނޑުމަތީ ފުލުހުންގެ އިތުރުން ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އެ ހާދިސާގެ މާ ބޮޑު ތަފްސީލެއް ނުލިބެއެވެ. ކަޅުތެޔޮ އެޅުނު ވަގުތާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގެއެވެ.

ކަނޑަށް އެޅޭ ތެޔޮ ސާފުކުރުމަށް ބޭނުންކުރާ "އޮއިލް ބޫމް" އުޅަނދެއް ޖަޕާނުގެ ސަރުކާރުން ސިފައިންނަށް މި ފަހުން ހަދިޔާކޮށްފައިވެއެވެ.