އެމްޕީއެލުން ނަގާ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ފީ މިއަދުން ފެށިގެން 75 ޕަސެންޓަށް ކުޑަކޮށްފިއެވެ.

އެކްސްޕޯޓް ކޮންޓެއިނާ ފީގެ އަގު ކުޑަކުރަން އެމްޕީއެލުން ނިންމާފައި ވަނީ ރާއްޖޭގެ އުފެއްދުންތައް އެހެނިހެން ބާޒާރުތަކަށް ބޭރުކުރާ ފަރާތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ބަދަލުގެ ސަބަބުން ރާއްޖެއިން މުދާ ބޭރުކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކުގައި ބޭރުގެ ބާޒާރުތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

މިއަދުން ފެށިގެން ކޮންޓެއިނަރަކަށް ދައްކަން ޖެހޭ އަގުތައް:

  • 20 ފޫޓުގެ ކޮންޓެއިނަރަކުން 1،132ރ
  • 40 ފޫޓުގެ ކޮންޓެއިނަރަކުން 2،264ރ

ކޮންޓެއިނަރަކަށް ކުރިން ދައްކަން ޖެހޭ އަގުތައް:

  • 20 ފޫޓުގެ ކޮންޓެއިނަރަކަށް 4،419ރ
  • 40 ފޫޓުގެ ކޮންޓެއިނަރަކަށް 8،767ރ

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ ކޮންޓެއިނަރަކުން ނަގާ ފީގެ އަގުބޮޑުވުމުގެ ސަބަބުން ކަންބޮޑުވުންތައް ހުރިކަން މުދާ ބޭރުކުރާ ފަރާތްތަކުން ފާޅުކުރަމުން ދިއުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ރާއްޖޭން މުދާ ބޭރުކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ކުރާނެ ކަމަށެވެ.