މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އޮޑިޝާގެ ހޮޓަލެއްގެ މަތިން ވެއްޓި މަރުވެފައި އޮއްވާ ފެނުނު ރަޝިއާގެ އޮލިގާކް ނުވަތަ ސޮސެޖް ބިލިއަނަރުގެ މަރާ ގުޅޭގޮތުން އިންޑިއާ އާއި ރަޝިއާގެ ޕޮލިޓީޝަނެއްގެ ދެމެދުގައި ސުވާލުތަކެއް ބަދަލުކޮށްފިއެވެ.

ރަޝިއާގެ އޮލިގާކް ފެނުނީ އޭނާ އާއި އިތުރު 4 މީހަކު އިންޑިއާއަށް ޗުއްޓީއަށް ގޮސް އުޅުމުގެ ތެރޭގައި އެމީހުން ތިބި ހޮޓަލުގެ ޓެރަސް މަތިން ބިންމައްޗަށް ވެއްޓިފައި އޮއްވައެވެ. އޭރު އޭނާގެ ގައިދަށުން ލޭގެ ކޯރެއްވެސް ދެމިގެން ގޮސްފައި ހުރި ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ. އޭގެ އިތުރުން އޭނާ އާއެކު ދެން އުޅުނު 3 މީހުންގެ ތެރެއިން އެކަކު އޮލިގާކް މަރުވުމުގެ 2 ދުވަސް ކުރިން ހަމަ އެ ހޮޓަލުގައި މަރުވި ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

މި ދެމީހުންގެ މަރުގެ މައްސަލަ އިންޑިއާގެ ފުލުހުން ތަހުގީގު ކުރައްމުން ދަނިކޮށް ދެމީހުންގެ ހަށިގަނޑު ވަނީ އަންދާލާފައެވެ. އެކަމާ ގުޅިގެން އިންޑިއާގެ ކުރީގެ ޕޮލިޓީޝަނަކު ސޯޝަލްމީޑިއާގައި ސުވާލު އުފައްދާ ބުނެފައި ވަނީ، އެ ދެމީހުންނަކީ ކްރިސްޓިއަނުން ކަމަށާއި ވަޅުނުލައި އަންދާލީ ކީއްވެތޯއެވެ. އަދި ހާކިއުލް ޕޮއިރޮޓް ގެ ތިއަރީ އަކީ، އަންދާލީމާ ދެން ދައްކާނެ އިތުރު ވާހަކައެއް ނެތުން ކަމަށެވެ. ހާކިއުލް ޕޮއިރޮޓް އަކީ އިނގިރޭސި ލިޔުންތެރިރާ އަގަތާ ކްރިސްޓީ އުފެއްދި ޑިޓެކްޓިވް ސީއިއަލްގެ ކެރެކްޓާއެވެ. އެ ސުވާލަށް ޖަވާބު ދެއްވީ ރަޝިއާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ޑެނިސް އެލިޕޯވްއެވެ. އޭނާ ވިދާޅުވީ، ރަޝިއާގައި މީހުން ވަޅުލާ ފަދައިން އެންދުމަކީވެސް ސަގާފީ ކަމެއް ކަމަށެވެ. އަދި އަޅާ ނުލުމަކީ ހުރިހާ ނުބައިކަމެއްގެ އަސްލު ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މިވާހަކަތަކާއެކު، އޮލިގާކް ގެ މަރާ ގުޅޭ އާ ސުވާލުތަކެއް ފެންމަތި ވަނީތޯ މުރާސިލުން ސުވާލު އުފައްދާ އިރު، އޮޑިޝާ ސަރަހައްދުގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައި ވަނީ އެ ދެމީހުންވެސް މަރުވީ އަމިއްލަ އަށް ކަމަށް ބެލެވޭ ކަމަށާއި ދެމީހުންވެސް ތިބީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި މިހާތަނަށް ބެލި ސީސީޓީގެ އެއްވެސް ފްޓޭޖަކުން ވެސް އަދި ސުވާލު ކުރި އެއްވެސް މީހެއްގެ ފަރާތުން ޝައްކުވާ ކަމެއް ފާހަގަ ނުވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މި އޮލިގާކް (ޕަވެލް އެންޓޯވް) އަކީ 2018 އިން ފެށިގެން ވްލްޑިމީރް ގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އިތުރުން، ރަޝިއާގެ މިހާރުގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ޔުނައިޓެޑް ރަޝިއާ ޕާޓީގެ މެންބަރެއްވެސް މެއެވެ. ނަމަވެސް މިފަހުން އޭނާ ވަނީ ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމަ އަށް ފާޑުވިދާޅުވެފައެވެ. ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނަގުރާމަ އަކީ "ޓެރަރިޒަމް" ކަމުގައި ސިފަކޮށް އެންޓޯވް ކުރި މެސެޖެއް ކަމަށް ބުނެ ރަޝިއާ ޓީވީން މިދިޔަ ޖޫންމަހު ދެއްކި މެސެޖާ ގުޅިގެން އޭރު އެންޓޯވް ބުނެފައި ވަނީ އެއީ ދޮގު ކަމަށާއި ރަޝިއާއިން ޔޫކްރައިންގައި ހިންގާ "ހާއްސަ އަސްކަރީ އޮޕަރޭޝަން" އަށް އޭނާ ތާއީދު ކުރާ ކަމަށެވެ.

ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން އަމިއްލަ ވިޔަފާރީގައި މުއްސަނދި މި މަހުޖަނަކީ، މުޅި ރަޝިއާގެ ޕާލިމަންޓުގެ މެންބަރުންގެ ތެރެއިން 2019 ވަނަ އަހަރު ފާހަގަ ކުރި ލިސްޓުގައި އެންމެ މުއްސަނދި މީހާއެވެ. އަދި އޭނާ އަކީ ރަޝިއާގެ ސީނިއާ ސިޓިޒަން ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ. ރަޝިއާގައި މި ބާވަތުގެ އޮލިގާކް ނުވަތަ އާދަޔާ ހިލާފު މުއްސަނދި ކަމާއި ސިޔާސީ ބާރުވެރިކަން ލިބިފައި ތިބި ގިނަ ބަޔަކު އުޅެއެވެ.