މާލޭގެ މަގުތައް ސާފުކޮށް ބެހެއްޓުމުގެ ޒިންމާއަކީ މިހާރު މާލެ ސިތީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި އެކަން ނުބެލެހެއްޓެންޏާ ހަވާލު ކުރުމަށާއި މުވައްޒަފުން ތިބީ ތައްޔާރަށް ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ،
މާލޭގެ މަގުތަކާއި އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމައި، އަދި އެއްބަސްވުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައި ވާތީ މަގުތަކުން ކުނި ނެގުން ވެމްކޯއިން ވަނީ ހުއްޓާލައިފައެވެ. އެހެންވެ މަގުތަކަށް ނެރެފައިވާ ކުނި ގިނަ ވެފައިވާ މައްސަލަ ފާހަގަކޮށް މާލެ ސިޓީ ކައުންސިލުން ކުނިތައް ނަގާފައިވާ އިރު ވެމްކޯއިން ކުރަންޖެހޭ މަސައްކަތް ނުކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ.
އިއްޔެ ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ކުރައްވާފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޔޫސުފް ސިރާޖް ވިދާޅުވީ މަގުތަކުގައި ހުރި ކުނި ނެގުމުގެ ހިދުމަތް ހިލޭ ދިނުމަކީ އެ ކުންފުނީގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެކަން ވެމްކޯއިން ކުރާނީ ކުރިން ވެސް އަމަލުކުރި ގޮތަށް އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމުން ކަމަށާއި، އަދި އެ ކުންފުނީގެ މުވައްޒަފުން ތިބީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާޅެ ސިޓީ މޭޔަރު ކުރެއްވި ތުހުމަތުތަކުގައި ވިދާޅުވެފައި ވަނީ، ވެމްކޯގައި ރަޖިސްޓާ ކޮށްފައިވާ ގެތަކުގެ ކުނިތައް ވެސް ނުނަގާ މުޅި މާލެ ތެރޭގައި އެކި ސަރަހައްދުތަކަށް ކުނި ގިނަ ވެފައިވާ ކަމަށެވެ. އެގޮތުން 22 ޓަނަށް ވުރެ ގިނަ ކުނި ސިޓީ ކައުންސިލުން އެއް ދުވަސް މަތިން އުކާލާފައިވާ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެ ވާހަތަކަށް ރައްދު ދެއްވަމުން ސިރާޖު ވިދާޅުވީ، ސިޓީ ކައުންސިލުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި އެ ކުންފުނިން ހިދުމަތް ދޭ ގެތަކުން މަގުތަކަށް ކުނި ނުނެރޭނެ ކަމަށެވެ. ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނެރެން ނުޖެހޭނެ ކަމަށާއި ނެރެން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަގުތަކުން ކުނި ނެގުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ދެކިގެން ސިޓީ ކައުންސިލުން އެ މަސައްކަތް ފެށިޔަސް، އެ މަސައްކަތުގެ ބުރަކަން ސިޓީ ކައުންސިލަށް މިހާރު އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ގޭބިސީތަކުން މަގުތަކަށް ކުނި ނެރެފައި ބަހައްޓަން އަންގާފައި ވަނީ ކޮވިޑް ކޭސްތައް އިތުރުވެގެން އައި ދުވަސްވަރު ވެމްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމަށާއި އާންމުންގެ ވެސް ރައްކާތެރިކަމަށް ކޮންެޓެކްޓް ވެގެނެ ބަލި ފެތުރުން މަގުފަހިވެދާނެތީއެވެ. ނަމަވެސް ކޭސްތައް ދަށަށް ދިޔަ ފަހުން އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން ވެމްކޯގައި ރަޖިސްޓްރީ ކޮށްފައި ހުރި ގެތަކުން ކުނި އުކައި ދިނުމަށް ވެމްކޯއިން އަންނަނީ ގޭގެއަށް ވަދެ ކުނި ނަގަމުންނެވެ. ބުރިބުރިއަށް ހުންނަ އިމާރާތްތަކަށް ވެސް ވެމްކޯ މުވައްޒަފުން އަރައިގެން ކުނި ނަގަމުން އަންނަ އިރު އެއިން ގޭބިސީއަކަށް ގެއިން ބޭރަށް މަގު މައްޗަށް ކުނި ނެރެން ނުޖެހޭ ގޮތަށް ހަމަޖައްސައިގެން ކުނި ނަގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.