މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިއްޖެއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެ އިދާރާ އިން އެދިފައިވަނީ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށް، ޕީޖީ އޮފީހުން ބުނެއެވެ.

ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ
  • ކެނަބިސް ބޭނުންކުރުމުގެ ދައުވާ
  • އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ

އެ މައްސަލައާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައްސަލަ ތަހްގީގުކުރެއްވި ޗީފް އިންވެސްޓިގޭޓަރު، އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުތަކުން އެނގެން އެބައޮތް ކަމަށެވެ.

ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، އެ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަން ވެސް ސާފު ކަމަށެވެ. އަދި އެ މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.