ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 11 ފަރާތަކަށް މަދަނީ ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އޭސީސީން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހްގީގު ކުރަމުން ދާއިރު، 14 މައްސަލައެއް ކޯޓަށް ހުށަހަޅައި 53 މައްސަލައެއްގެ ތަހްގީގު ކުރިއަށްދާ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ގެއްލުނު ހަތަރު ބިލިއަން ރުފިޔާގެ ތެރެއިން އެއްވެސް އަދަދެއް މިދިޔަ ހަތަރު އަހަރު ނިމިގެން ދިޔައިރު ވެސް ހޯދިފައި ނުވާތީ، އެކަމާ ގުޅިގެން ގިނަ ނޫސްވެރިން ވަނީ ތަކުރާރުކޮށް ރައީސާ ސުވާލުކޮށަފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަމިއްލަ ފަރުދުންނާއި ކުންފުނިތައް ހިމެނޭހެން 11 ފަރާތަކަށް މަދަނީ ދައުވާތަކެއް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ ފޮނުވައިފައެވެ.

ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަން ނުވަތަ ކޮން ބައެއް ކަން ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަތުރުވެރިކަމަށް 37 ރަށަކާއި 12 ފަލެއް ދޫކުރިއެވެ. އެ ރަށްތަކުން އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިއެވެ. އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި، ސިޔާސީ ބާރުވެރިކަމަށް ބޭނުންކުރިއިރު، އެ މައްސަލައިގައި މަންފާވި ބައެއް މީހުންގެ ލިސްޓު ވެސް ވަނީ އާންމުކޮށްފައެވެ.

އެ މައްސަލައިގެ ތަހްގީގެއް އޭސީސީން ހިންގަމުން އެބަ ދެއެވެ.