އަންނަ 2024 ގެ ނިޔަލަށް ކުރިއަށް ގެންދަން ވިސްނާފައި ވާ "ހާއްސަ އަސްކަރީ އޮޕަރޭޝަން" އަށް ދާ ރަޝިއާ ސިފައިން، ހަނގުރާމައަށް ދިޔުމުގެ ކުރިން މަނި ނަގާ ގަނޑުކޮށްފައި ބެހެއްޓުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރަޝިއާގެ ޓާސް ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން ދާ ސިފައިންނަށް އިތުރު އެހީއެއްގެ ގޮތުގައި އެމީހަކު ބޭނުން ނަމަ، އެމީހެއްގެ މަނި ނަގާ ގަނޑުކޮށްފައި ބެހެއްޓުމުގެ ފުރުސަތު ދިނުމާއެކު އެކަން ކުރުމުގައި މާލީ ދަތިކަން ހުރި ފަރާތްތަކަށް މާލީ އެހީ ދޭން ވެސް ރަޝިއާގެ ހެލްތް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މަނި ރައްކާ ކުރާ ކްރިޔޯބޭންކް ތަކުގައި ހިލޭ ބެހެއްޓުމުގެ ފުރުސަތުވެސް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ރަޝިއާއިން މި ފުރިސަތު ހުޅުވާލި އިރު، ޔޫކްރައިންގައި ކުރާ ހަނގުރާމަ 2024 އަށް ދެމިގެން ދާނެ ކަމުގެ އެއްވެސް އިޝާރާތެއް މީގެ ކުރިން ސަރުކާރުން ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ޔޫކްރައިން ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށާއި ނަމަވެސް އަދި ދުވަސްކޮޅަކަށް ކުރިއަށް ދާނެ ކަމަށެވެ.

މުއްދަތެއް ކަނޑައަޅާ، 2024 ގެ ނިޔަލަށް ކަމަށް ބުނެ އޮފިޝަލުން އިއުލާން ކުރި އެ ފުރުސަތާ ގުޅިގެން ހަނގުރާމައަށް ދާން ބޭނުންވާ މީހުން އިތުރު ވާ ކަމެއް ނުވަތަ އެކަމުގައި އާންމުންގެ ހިޔާލު ހުރި ގޮތެއް އަދި ސާފެއް ނުވެއެވެ.

ރޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގައި ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވަމުން ދާ އިރު، ސީދާ ރައީސް ޕުޓިންގެ އިރުޝާދުގެ ދަށުން ރިޒާވް ސިފައިންގެ ގޮތުގައި ތިބި 300،000 މީހަކު މައިދާނަށް ނެރޭ ވާހަކަ އޮތީ ކުރިން އިއުލާން ކޮށްފައެވެ. އޭގެ ތެރެއިން 150،000 މީހުން ތަމްރީނަށް ފަހު މިހާރު ފައުޖުތަކާ ގުޅިފައި ވާ ކަމަށްވެސް މީގެ ކުރިން ބުނެފައި ވެއެވެ.

މަނި ގަނޑުކޮށްފައި ބަހައްޓައި ދިނުމަށް ސަރުކާރުން ނިންމީ މިދިޔަ އޮކްޓޯބަރު މަހު އެގައުމުގެ ނޫހެއްގައި ފެންމަތި ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓު ބުނާ ގޮތުން، ކުރީ ސަފުގައި ހަނގުރާމަ ކުރާ ސިފައިންގެ އިތުރުން ރިޒާވް ސިފައިން ނެރެން ފެށުމުން، ގަނޑުކޮށްފައި ބަހައްޓަން ލިބޭ މަނީގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ. މީގެ ކުރިން މަނި ގަނޑުކޮށްފައި ބަހައްޓަމުން ދިޔައީ އެކިއެކި ސަބަބުތަކާ ހުރެ ތަފާތު ބަލި ހުންނަ މީހުންނެވެ. ނަމަވެސް މިހާރު ސިއްހަތު ރަނގަޅު ފިރިހެނުން މަނި ގަނޑުކޮށްފައި ބަހައްޓަން އެދެމުން ދާ ކަމަށާއި އެއީ ސިއްހަތު ރަނގަޅު ދަރިއަކު ލިބުމުގެ ފުރުސަތު ބޮޑުވެގެން ދާ ކަމެއް ކަމަށްވެސް ރިޕޯޓު ބުނެއެވެ.

ރަޝިއާއިން ޔޫކްރައިން ގައި ކުރާ ހަނަގުރާމަ އާ ގުޅިގެން އެމެރިކާގެ ޖެނެރަލެއް ކަމުގައި ވާ މާކް މިލޭ ވިދާޅުވީ، އެ ހަނގިރާމައިގައި ރަޝިއާ ސިފައިންގެ ތެރެއިން 100،000 އެއްހާ މީހުން މަރުވެ ނުވަތަ ނުކުޅޭ ނުވަތަ ޒަހަމެއް ހުރި މީހަކަށް ވެފައި ވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔޫކްރައިން ފަޅިންވެސް އެހާ އަދަދެއްގެ ސިފައިންނަށް އަނިޔާވެފައި ވާކަމަށް ބެލެވޭ ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަނި ނުވަތަ ސްޕާމް ނަގާ ގަނޑުކޮށްފައި ބެހެއްޓުމަކީ ހުޅަނގާއި ޔޫރަޕާއި އެތައް ގައުމެއްގައި ކުރާ ކަމެކެވެ. އެކަން އެގޮތަށް ކުރާ ތަފާތު ހާލަތުތައް ހުންނަ އިރު އެ މަނި ގަނޑުފިލުގައި އެމީހުންގެ އަނބިންގެ ރަހިމުގައި ދަރިފަނި އާލާ ކުރުވާ ވިއްސާ ހަދައެވެ.