މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގައި 148 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ރޭގަ މި މަސައްކަތް ފެށިގެން ދިޔައީ ފުލް ޓީމާ އެކު ނޫން ކަމަށާއި ރޭގައި މަސައްކަތް ކޮށްފައިވަނީ މާލެ އަށް 80 މުވައްޒަފުން އަދި ވިލިމާލެ އަށް 28 މުވައްޒަފުން ކަމަށެވެ.

މުވައްޒަފުން އެއްކޮށް ހަމަވާން އަދި 10 ވަރަކަށް ދުވަސް ނަގާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ނިންމާފައި ވަނީ މާލެ އަށް އެކަނި ވެސް 120 މުވައްޒަފުން ހާއްސަ ކުރަން ކަމަށެވެ. އަދި 10 ލޮރީ ބޭނުން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މަސައްކަތް ކުރަން ހަމަ ޖެހިފައި ވަނީ މާލޭން 16 ޒޯނަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ޒޯނެއްވެސް ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ރޭގައި މަސައްކަތް ވަނީ ފަށާފައެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި ޕާކުތަކާއި މައިޒާންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތާ މާލެ ސިޓީ ކައުންސިލުން ހަވާލުވެފައި ވަނީ އިއްޔެ އިން ފެށިގެންނެވެ.