ޑީމެންޝާ އަކީ ސިކުނޑިއަށް ދިމާވާ އުނިކަމަކުން ނުވަތަ ހާލަތަކުން ސިކުނޑިއަށް ޖެހޭ ބަލިތަކަކަށް ކިޔާ ނަމެކެވެ. މިގޮތުން ޑިމެންޝާގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހަނދާން ނެތުމާއި، ކަންކަމާއި ވިސްނަން އުނދަގޫވުމާއި، ނިންމުންތައް ނިންމުމާއި، ނުވަތަ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުނދަގޫވުން ހިމެނެއެވެ. އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ބައްޔަކީ އެ ބަލިތަކުގެ ތެރެއިން ބައްޔެއް ނަމަވެސް ޑިމެންޝާގެ ތަފާތު ވައްތަރުތަކާއި ޖެހެން މެދުވެރިވާ ސަބަބުތައް ގިނައެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަން އިން ހެދި ދިރާސާއަކުން ދައްކާގޮތުން މިފަދަ ބަލިމީހުންނާ ގިނަ ގިނައިން ވާހަކަ ދެއްކުމަކީ އެމީހުންނަށް ވަރަށް ވެސް ރަނގަޅު އަސަރުތަކެއް ކުރާ ކަމެކެވެ. މިގޮތުން މިފަދަ ބަލިމީހުންނަށް ދޭ އެންމެ އެކަށީގެންވާ ފަރުވާތަކަކީ ޓޯކިން ތެރަޕީ ނުވަތަ ގިނައިން އެމީހުންނާ ވާހަކަ ދައްކައިގެން ދޭ ތެރަޕީ އަދި ކޮގްނިޓިވް ބިހޭވިއާ ތެރަޕީއެވެ. މިތެރަޕީގެ ސަބަބުން ބަލިމީހުންގެ ވިސްނުމާއި، އުޅުމަށް އަދި ސުލޫކަށް ހެޔޮ ބަދަލުތަކެއް ގެނުވައެވެ.

ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ބަލިތައް ޑިމެންޝާގެ ބަލި މީހުންތެރޭގައި ވަރަށް ގިނައެވެ. އެގޮތުން ޑިމެންޝާގައި އެހާ ބޮޑުވަރު ނުވާ މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންނަށް އެންޒައިޓީ އަދި ޑިޕްރެޝަން ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އަލަށް ހެދި މިދިރާސާ އަކީ މިބަލިތައް ޖެހިފައިވާ މީހުންނަށް ޓޯކިން ތެރަޕީ އަދި އިތުރު ތެރަޕީ ތަކުން އަސަރުކުރާ މިންވަރު ބެލުމަށް ހެދި ފުރަތަމަ ދިރާސާއެވެ.

ޑިޕްރެޝަން އަދި އެންޒައިޓީ ޖެހިފައިވާ ގިނަ އަދަދެއްގެ ބައެއްގެ މެދުގައި ހެދި މިދިރާސާގެ ބައިވެރިންގެ ތެރެއިން ތިންބައި ކޮށްފައި ދެބައި މީހުންނަށް މި ތެރަޕީތަކުގެ ސަބަބުން ވަރަށް ބޮޑަށް ލުއި ލިބުނު ކަމަށް ދައްކައެވެ. އަދި ޑިމެންޝާގެ ސަބަބުން ޑިޕްރެޝަން އަދި އެންޒައިޓީ ތަހައްމަލު ކުރަމުން އައި ބައެއް މީހުން އެއްކޮށް ރަނގަޅު ވެފައިވާ ކަމުގައިވެސް މިދިރާސާގައި ބުނެފައި ވެއެވެ.

އުމުރުން ދުވަސް ވުމާއި އަދި އުމުރުން ދުވަސް ނުވިޔަސް ސިކުނޑީގެ ކިތަންމެ ބައްޔެއްވެސް ޖެހިދާނެއެވެ. ނަމަވެސް އުމުރުން ދުވަސްވެ ގައިބާރު ދެރަވާ ދުވަހު މުސްކުޅި މައިންބަފައިންނަށް ހެޔޮކޮށް ހިތައި، ލޯތްބާއި އޯގާތެރިކަމުން އަޅާލުމަކީ ސިކުނޑީގެ ގިނަ ބަލިތަކުން ދުރުވެ އަދި ހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންތެރި ކަމެކެވެ.