ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީއިން މިއަދު ބުނީ މެޖިސްޓްރޭޓް ރަފީއުއްދީނާ ގުޅޭގޮތުން ހުށަހަޅާފައި ވަނީ އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ހިލާފަށް މައްސަލައިގެ ހުކުމް ކޮށްފައި ނުވާކަމަށް ބުނެ ކަމަށެވެ.

ރަފީއުއްދީނާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަ ތަހުގީގުކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމާ ގުޅިގެން މައްސަލަ ތަހުގީގުކުރުމަށް ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.

ޖޭއެސްސީއިން މީގެ ކުރިން ރަފީއުއްދީނުގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭ ކަމަށް ގާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މެޖިސްޓްރޭޓް ރަފީއުއްދީން މައްސަލައިގެ ހުކުމް ކޮށްފައިނުވާ ކަމަށް ބުނެއެވެ.

އޭގެ ކުރިން ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ މީހާ ދޫކޮށްލަން އަމުރު ނެރުއްވި މައްސަލައިގައި ވެސް ރަފީއުއްދީނުގެ ސުލޫކީ މައްސަލައެއް ބެލިއެވެ.