އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރު އާންމުކޮށްފިއެވެ.

އެގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 1 އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.

ނިޒާމުގެ ބަހުސްއާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފްކްޝަނެއް އުފެދިފައެވެ. ދެ ރައީސުންގެ ތެރެއިން ނަޝީދު، ފާޅުގައި ސަރުކާރާއި ސޯލިހަށް ބަހުގެ ހަމަލާތައް ދެމުން ގެންދަވާ އިރު ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވަން ނިންމެވި ހިސާބުން ފެކްޝަން ދަނީ އިތުރަށް ވަކިވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަލާތައް ދެމުންނެވެ.

މި ފެށޭ ޖެނުއަރީ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ދެ ފެކްޝަން އަންނަނީ ފުޅާ ކެމްޕެއިނަށް ތައްޔާރު ވަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ކެމްޕެއިން ބޮޑު ތިލަދުންމަތިން ފެށުމަށް ވަނީ ނިންމާފައެވެ.