މާޅެއާއި ވިލިމާލޭގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ސާފު ތާހިރުކޮށް ބެހެއްޓުމަށް ކުނި ނާޅައި ފަރުދީ ޒިންމާ އަދާ ކުރުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި ވަނީ ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެމްކޯއިން މާލޭގެ މަގުތަކާއި މައިޒާނަތަކާއި ހުސްބިންތައް ކުނި ކަހައި ސާފު ކުރުނުން މިއަދުން ފެށީގެން ހުއްޓާލައި މަގުމައްޗަށް ނެރެފައި ހުންނަ ކުނިތައް ނަގައި ސާފު ކުރުން ހުއްޓާލުމާ ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލެއާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި، ހުސްބިންތަކާއި، މައިޒާންތަކާ އަދި ތިމާ ދިރި އުޅޭ ވެށި ސާފު ތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަކީ އެންމެހައި ރަށްޔިތުންގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެފަދަ ތަންތަން ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލާ ކަަމަށެވެ. އެގޮތުން ކުނިމެނޭޖު ކުރުމުގެ ނަމްބަރު 2013/R-58 ގަވާއިދާ އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލު ކުރުމަށާއި މަގު މައްޗަށް ކުނި ނެރުމުގެ ބަދަލުގައި ހިދުމަތް ދޭ ފަރާތްތައް މެދުވެރިކޮށް ކުނި އުކާލެވެން ދެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި، ކުނި މެނޭޖު ކުރުމުގެ ގަވާއިދަށް ހުރުމަތް ތެރިކޮށް ހިތުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.
އަދި ކުނިމެނޭޖް ކުރުމުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ކުނި މެނޭޖް ކުރުމުގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަލާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
މީގެ ކުރިން މާލެއާއި ވިލިމާލެ ތެރެ ކުނިކަހައި ސާފު ކުރަމުން އައިސްފައި ވަނީ ވެމްކޯއިންނެވެ. ސިޓީ ކައުންސިލާ އެކު ވެމްކޯއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި އިރު ވެސް އެ އެއްބަސްވުން އާ ނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމީ، މާލެ ސަރަހައްދުގައި ކުނި ކަހައި ސާފު ކުރުމާއި ކުނި ނެގުން ފަދަ ކަންކަން ކުރުމުގައި ލަސްތަކެއް އުޅޭތީ އާއި އެފަދަ ޝަކުވާތައް މާލެ ސިޓީ ކައުންސިލަށް ލިބެމުން އަންނާތީ ކަމަށް މީގެ ކުރިން ކައުންސިލުން ވަނީ ބުނެފައެވެ. މަެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ވެމްކޯއަށް ހަރަދުކުރާ އިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިބުނި ގިނަވެ، އާންމުންނަށް އުނދަގޫވެ، ކައުންސިލަށް ބައިވަރު ޝަކުވާ ލިބެމުން ދިއުމާއި ވެމްކޯ އިން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދެމުން ނުދާ ކަން ފާހަގަވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. .
މާލެ އާއި ވިލިމާލެއިން ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުގެ ކުނި ނަގާ ގޮތަށް ވެމްކޯއިން ހަމަޖައްސާފައިވާ އިރު، ހުޅުމާލޭގައި ވެމްކޯ ކުރާ މަސައްކަތަކީ ރަޖިސްޓްރީ ކޮށްފައި ހުންނަ ގޭބިސީތަކުން ނެރޭ ކުނި އުކުމެވެ. އަދި ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން އަންނަނީ އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.