އާދަޔާހިލާފު ކަންތައްތައް ކޮށްގެން މީހުންގެ ސަމާލުކަން ހޯދާ މީހުން ދުނިޔޭގައި ވަރަށް ވެސް ގިނައެވެ. ބައެއް މީހުން މިފަދަ ކަންތައްތައް ކުރަނީ ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށެވެ. އަނެއް ބަޔަކު މީހުންގެ ސަމާލުކަން ހޯދަން ކުރާއިރު ދުނިޔޭގެ ރެކޯޑު ފޮތަށް އަރަން ވެގެންވެސް ވަރަށް އާދަޔާހިލާފު ކަންތައްތައް ކުރާ މީހުން އުޅެއެވެ.
އެގޮތުން ފިލިޕީންސް އަށް އުފަން 52 އަހަރުގެ އާޓިސްޓެއް ކަމުގައިވާ އެލީޓޯ ސާކާ މިއީ ވަރަށް ވެސް އަޖައިބު ކުރުވަނިވި ގޮތަކަށް ކުރަހާ މީހެކެވެ.
ކެންވަސްގައި ކުރަހަން މަޝްހޫރު ސާކާ ބޭނުން ކުރަނީ އޭނާގެ އަމިއްލަ ގައިން ނަގާ ލެޔެވެ. ސާކާގެ އާދަޔާހިލާފު މިކަމުގެ ސަބަބުން އޭނާ އަށް ތައުރީފު ކުރާ މީހުންނާއި އެއްވަރަށް އެތައް ބަޔަކު މިކަމަށް ފާޑުވެސް ކިޔައެވެ.
ފަގީރު އާއިލާ އަކަށް އުފަން ސާކާ ކުޑައިރުއްސުރެ ވެސް އެކި ކަހަލަ ތަކެތި ބޭނުން ކޮށްގެން ކުރަހާ އުޅެއެވެ. ކުރެހުމަށް ބޭނުންވާ ކުލަ އަދި އެހެނިހެން ސާމާނު ނުލިބޭތީ ޕްލަމް އަދި ޓޮމާޓޯ ފަދަ ތަކެތީގެ ދިޔައިންވެސް އޭނާ ކުރަހާ ހަދައެވެ. ލޭ ބޭނުން ކޮށްގެން ކުރެހުމުގެ ވިސްނުން އައީ މިފަދަ ތަކެތިން ކުރަހާ ހެދުމުގެ ތެރެއިންނެވެ.
ސާކާ ބުނާގޮތުން ލެއިން ކުރެހުމުން އެ ފިލުވަން އެހާ ފަސޭހައެއް ނުވާނެއެވެ. އެހެންވެ އޭނާ ކެންވަސްގައި ކުރަހާ އިރު މިހާރު އަބަދުވެސް ލޭ ބޭނުންކުރެއެވެ. ކޮންމެ 3 މަހުން އެއްފަހަރު ސާކާ އޭނާ ދިރިއުޅޭ އަވަށުގެ ހެލްތު ކްލިނިކަށް ގޮސް ލޭ ނަގައެވެ. އަދި ފަހަރަކު 500 އެމްއެލް ގެ ލޭ ނެގުމަށް ފަހު ކުރެހުންތަކަށް ބޭނުން ކުރުމަށް އޭނާގެ ކުރަހާ ސްޓޫޑިއޯގައި ފިނިކޮށްފައި ބަހައްޓައެވެ.
އަމިއްލައަށް ކުރަހާ ހުރިހާ ކުރެހުމެއްވެސް އޭނާ އަށް ވަރަށް މުހިންމު ކަމަށް ސާކާ ބުންޏެވެ. ސއެއީ އޭނާގެ ކުރެހުންތަކުގައި އޭނާގެ ޑީއެންއޭ ހިމެނުން ކަމަށާއި މިކަމުގެ ސަބަބުން އޭނާ އައީ ކޮން ހިސާބަކުން ކިހިނެއްކަން އަބަދުވެސް އެނގޭނެތީ ކަމަށް ބުނެއެވެ.
އުފަން އަވަށް ކަމުގައިވާ ޕަންޓަބަންގަންގެ ތާރީހު ދައްކުވައިދޭ 4 ފޫޓޫ 8 ފޫޓުގެ ކުރެހުމެއް ނިންމާލުމަށް ފަހު ސާކާގެ މިހާރުގެ އަމާޒަކީ ލޭ ބޭނުންކޮށްގެން ކުރަހާ އެންމެ ބޮޑު ކުރެހުން 2023 ގައި ފެށުމެވެ. 100 މީޓަރުގެ މި ކުރެހުން ނިންމާ ހިސާބުން ސާކާގެ ނަންވެސް ދުނިޔޭގެ ރިކޯޑު ފޮތަށް އަރާނެއެވެ.