ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި 17 މީހުންނަށް 15 ދުވަހާއި 30 ދުވަހާ ދެމެދުގެ ބަންދެއް ޖަހައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށް 17 މީހަކު ހައްޔަރުކުރިއެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެއްޗާ އެކު 933،430 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާފައިވާ ކަމަށާއި، އެގޮތުން އެ އެންމެންގެ ބަންދަށް ދިނީ 15 ދުވަހާއި 30 ދުވަހުގެ މުއްދަތެއް ކަމަށެވެ.

އެ މީހުންގެ އުމުރު ސާފުކުރުމަށް ފަހު އިތުރު ތަފްސީލް ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަންނަމުން ދެއެވެ.