ބޭ އޮފް ބެންގޯލްގެ ކޮޅިގަނޑު އަރަބި ކަނަޑަށް ދަތުރު ކުރަމުންދާތީ އޭގެ ސަބަބަުން އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ، ބޭ އޮފް ބެންގާލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައި ކަމަށެވެ. އެ ކޮޅުގަނޑުގެ ބާރު ދަށްވެ މި ވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ ލޯ ޕްރެޝާ އޭރިއާއެއްގެ ގޮތުގައި ކަމަށެވެ.

ކުރިއަސް އޮތް 24 ގަޑިއިރުތެރޭ އެ ކޮޅިގަނޑުގެ ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެހެންކަމުން މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތަށާއި އެލާޓްތަކަށް ސަމާލުވެގެން ތިބުމަށް އިލްތިމާސް ކޮށްފައެވެ.

މިއަދު މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކަނޑުއާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމށް ލަފާ ކޮށްފައި ވާ އިރު، ރާޅުގެ އުސްމިނުގައި 3 ފުތާއި 6 ފޫޓާ ދެމެދަށް ރާޅު އުފުލޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.