މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް ދައުލަތުން އެދިއްޖެއެވެ.

ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށާއި، ރިޝްވަތު ދިނުމުގެ ދައުވާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވާ ކަމަށް، ކްރިމިނަލް ކޯޓުން ވަނީ މިއަދު ހުކުމްކޮށްފައެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ހުކުމްކޮށް، އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ދައުލަތުން އެދިފައި ވަނީ ރިޝްވަތުގެ ކުށާ ގުޅިގެން އަށް އަހަރުގެ ޖަލު ހުކުމެއް ޔޫސުފް ނައީމްގެ މައްޗަށް އިއްވުމަށެވެ. އަދި މަނީ ލޯންޑަރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވުމަށެވެ.

އެހެންކަމުން ޔޫސުފް ނައީމަށް އަށް އަހަރު، އަދި ޔާމީނަށް 19 އަހަރު ހުކުމްގެ ގޮތުގައި އިއްވުމަށް ދައުލަތުން ވަނީ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.

ނަމަވެސް އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ތައްޔާރުވުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވަނީ އެދިފައެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ނިންމެވީ އަދަބާ ގުޅޭގޮތުން މިއަދު 2 ޖަހާއިރު ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވައި ގޮތެއް ނިންމަވާނެ ކަމަށެވެ.