އއެލާޖިކްގެ ވެގެން ފަރުވާ ދިން އިރު ބޮޑުވަރުވެ އަހަރަކާއި ހަތް މަސް ދުވަހު ބަލި އެނދުގައި ފަރުވާ ހޯދަމުން ދިޔަ މާލެއަށް އުފަން މަރިޔަމް ޒައިމާ މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އޭނާ މަރުވީ އިންޑިއާގެ ކޮޗިންގައި ހުންނަ އެސްޓާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މެއި 28، 2021 ގައި އައިޖީއެމްއެޗްގެ ކެންޓީނުން ބަނަހެއް ކައިގެން އެލާޖިކް ވެގެން މަރީއަށް ވަނީ އައިޖީއެމްއެޗް އީއާރުން ފަރުވާ ދީފައެވެ. އެ ދުވަހު ފަރުވާ ދިނުމުގައި މަރީގެ ގަޔަށް އިންޖެކްޝަން އެވިލް ޖެހުމުގައި އެ ހޮސްޕިޓަުން ވަނީ އިހުމާލު ވެފައެވެ. އެލާޖިކް ވެގެން އީއާރަށް ދިޔަ މަރީ ނޭވާލާން އުނދަގޫވެ ކަރުގައި ހިފަހައްޓައިގެން އިނުމާއި ރެސްޕިރޭޓަރީ ރޭޓް މައްޗަށް ދިއުން ފަދަ އަލާމާތްތައް ފެންނަމުން ދިޔުމުން އެއީ އެނަފައިލެކްސިސް އަށް ވެ، ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ޑޮކްޓަރުންނަށް ގަބޫލު ކުރެވުމުން އެޑްރިނަލިން އިންޖެކްޝަން ދޭން ނިންމިއެވެ.

އެ އިންޖެކްޝަން ނުދީ ލަސްކޮށްފި ނަމަ އެނަފިލެކްޓިކް ޝޮކަށް ޕޭޝަންޓް ގޮސް ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ގަބޫލު ކުރެވިގެން އެ އިންޖެކްޝަން ދިނުމުގައި އިއިޖީއެމްއެޗުން ކަން ކުރި ގޮތް ހާމަކުރަމުން އެ ހޮސްޕިޓާލުން އޭރު ބުނީ، އެނަފައިލެކްސިސްގައި އެޑްރިނަލިން ދިނުމަށް އޮންނަ އާއްމު އުސޫލަކީ މަސްގަނޑަށް ޖެހުން ނުވަތަ އައިއެމްކޮށް މި އިންޖެކްޝަން ދިނުން ކަމަށެވެ. އަދި އެ އިންޖެކްޝަން ކަނޑައެޅިފައިވާ މިންވަރަށް ޑައިލިއުޓް ކޮށްގެން ސްލޯ އިންފިއުޝަން އެއްގެ ގޮތަށް އިންޓްރާ-ވީނަސް ކޮށް ނުވަތަ އައިވީކޮށް ވެސް އެނަފައިލެކްސިސްގައި ދެވިދާނެ ކަމަށް ވެސް މެޑިކަލް ލިޓްރެޗާގައި ލިޔެފައި ވުމުގެ އިތުރުން އަދި ދާއިރާގެ ޑޮކްޓަރުން ވިދާޅުވާ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

ނަމަވެސް ޕޭޝަންޓަށް އެޑްރެނަލިން ދީފައި ވަނީ ޑައިލިއުޓް ނުކޮށް، ސްލޯ އިންފިއުޝަން އެއް ގޮތަށް ނޫން ކަމާއި އައިވީކޮށް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށާއި އެކަން އެގޮތަށް ހިނގާފައި ވަނީ ގަސްދުގައި ނޫން ކަމަށާއި، ނަމަވެސް މިހެން މިކަން ދިމާވެފައި ވަނީ އެނަފައިލެކްސިސްގައި އާއްމުކޮށް އައިއެމްކޮށް ޖަހާ އިންޖެކްޝަނެއް އައިވީކޮށް ޖަހަން ލިޔުނު އިރު އޭގެ ތަފްސީލީ އިރުޝާދު ދީފައި ނެތުމުން ކަމަށް އައިޖީއެމްއެޗުން އޭރު ބުނެފައި ވެއެވެ. އަދި އެވަގުތު ޕޭޝަންޓަށް އަވަސް ފަރުވާ ބޭނުން ވާތީ ޕޭޝަންޓުގެ ފުރާނައަށް ގެއްލުން ވެދާނެކަމަށް ބަލައި ޑޮކްޓަރުން މަސައްކަތް ކޮށްފައި ވަނީ ހެޔޮ ނިޔަތުގައި ކަމުގައިވީ ނަމަވެސް މިގޮތަށް މިކަން ހިނގައިގެން ނުވާނެކަން ގަބޫލުކުރާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ ދުވަހު މަރީގެ ހާލަތު ގޮށްވެ އޭނާގެ ހިތް ހުއްޓުނެވެ. އަދި ހިތް ހުއްޓި ގިނަ އިރު ވުމުގެ ސަބަބުން އޭނާގެ ސިކުނޑި ދުޅަވެ ގިނަ ދުވަސްތަކެއް ވެންޓިލޭޜުގައި ހޭދަ ކުރަން ޖެހުނެވެ. އައިޖީއެމްއެޗްުން ފަރުވާ ދިނުމަށް ފަހު މަރީ ވަނީ އިތުރު ފަރުވާއަށް އިންޑިއާއިން ވެސް ފަރުވާ ދީފައެވެ. މިއަދާ ހަމައަށް އައި އިރުވެސް އެކި ފަހަރު މަތިން މަރީއަށް ފަރުވާ ދޭން އިންޑިއާ އަށް ގެންގޮސް އަނބުރާ މާލެއަށް ގެންނަނި އެ ފަރުވާ ތަކަކީ ރާއްޖެއިން ދެވޭ ފަރުވާ ތަކެއް ކަމަށް ބުނެއެވެ. ނަމަވެސް މަރީއަށް ދޭން ބުނާ ފަރުވާ ރާއްޖެއިން ދެނީ ކެންސާ ޕޭޝަންޓުންނަށް ކަމަށް ވަތީ އެ ފަރުވާ ހޯދުމުގައި ދަތިތަކާ ދިމާވެ އެ އާއިލާއިން ސަރުކާތުގައި އެތައް ފަހަރަކު އެދިގެން މި އަހަރު ތެރޭ މަރީ އިންޑިއާއަށް ގޮސް ފަރުވާ ހޯދަމުން ދިޔައެވެ. ނަމަވެސް އެނސްޕާ މެދުވެރިކޮށް މިއަހަރުތެރޭ ފަރުވާ ދޭނީ މި ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށ ްވަނީ ބުނެފައެވެ.

އެހެންކމަުން އިތުރު ފަރުވާ ހޯދުމަށް އެއާއިލާއިން ވަނީ ފަންޑް ރެއިސް އިވެންޓެއްވެސް ބާއްވާފައެވެ. އާންމުން މިހާތަނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކޮ ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ ނަމަވެސް ދާ ދި ފަހުން މަރީ މަރުވެއްޖެއް ކަމަށާއި އަދި އާއިލާއިން އެހީ ހޯދަން ކުރާ މަސައްކަތަކީ ސްކޭމެއް ކަމަށް ބުނެ ވަނީ އަޑުތައް ފަތުރާފައެވެ. އެކަމާ އެ އާއިލާއިން ވަނީ އެ ހަބަރުތައް ދޮގުކޮށް މަރީ އަދި މަރުނުވާ ކަަމށާއި އެމީހުން އެހީ ހޯދަން ޖަހައިގެން ހިންގާ ހަރަކާތްތަކަކީ ސްކޭމެއް ނޫން ކަމަށް ވެސް ބުނެފައެވެ.

މަރީއަށް މިހާތަނަށް އެހީތެރިވުމަށް އާއިލާ އާއި ރަހްމަތްތެރިންނާއި އަދި ހެޔޮއެދޭ ފަރާތްތަކުން ކޮށް ދިން މަސައްކަތްތައް ފާހަގަ ކޮށް އެ އާއިލާއިން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މަރީއަށް ހެޔޮދުއާ ކޮށް ދިން ފަރާތްތަކަށް ވެސް އެ އާއިލާއިން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

'ދަ ޕްރެސް' ގެ ދުއާ އަކީ މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިުއމަތް މިންވަރިކޮށް ދެއްވުމެވެ. އަދި މަރިޔަމް ޒައިމާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.