ފްރާންސްގައި ދިރިއުޅޭ ކުރުދީންގެ އަވަށެއްގައި މީހަކު ފިސްތޯލައަކުން ހަމަލާ ދީ 3 މީހަކު މަރާލުމާ ގުޅިގެން ކުރިދީން ކުރަމުން ދާ މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން އެބަދެއެވެ.

ހަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، މި ހަމަނުޖެހުންތަކުގައި ކުރުދީން ފުލުހުންނާ ކުރިމަތިލައި ގާ އުކާ، ފުލުހުންގެ ކޯޑަން ފަޅާލައި ނުކުތުމުން ފުލުހުން ވަނީ ކަރުނަ ގޭހާއި ފެނާއި އަދި ބާރުގެ ބޭނުންކޮށްގެން ހަމަނުޖެހުން މައިތިރި ކުރަން މަސައްކަތް ކޮށްފައެވެ.

މި ހަމަނުޖެހުމުގައި ކާރުތަކުގައި ރޯކޮށް، ބައެއް ކާރު ފުރޮޅާލައި، ރެސްޓޯރަންޓެއްގައި ވެސް ވަނީ ރޯކޮށްލާފައެވެ.

މި ކުރިމަތިލުންތަކުގައި ފުލުހުންގެ 31 މީހަކަށް އަނިޔާވެފައި ވާ އިރު، ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރު ވެސް ކޮށްފައެވެ.

ހަބަރުތައް ބުނާ ގޮތުން، ފިސްތޯލަ ހިފައިގެން ކުރިދީން ދިިރިއުޅޭ އަވަށަށް ވަދެ ހަމަލާ ދިން މީހަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި މީގެ ކުރިންވެސް އެބާވަތުގެ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައި ވެއެވެ.

މިހަމަލާ ދިން މީހާ، ހަމަލާއަށް ފަހު ހަޅޭއްލަވަމުން ގޮވަމުން ދިޔައީ، ބޭރުމީހުން (ފްރާންސް ރައްޔިތުން ނޫން މީހުން) ދެކެ ރުޅި އަންނަ ކަމަށާއި ހަމަލާ ދިނީ އެހެންވެގެން ކަމަށެވެ. މިމީހާ ހައްޔަރު ކޮށް މެޑިކަލް ޗެކަޕް ހެދުމަށް ފަހު ސިއްހީ ހާލަތު ހުރި ގޮތުން ދޫކޮށްލާފައި ވީ ނަމަވެސް އޭނާ ޝަރީއަތާ ކުރިމަތިލާން ޖެހޭނެ ކަމަށް ފްރާންސްގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މީގެ ކުރިން 2013 ވަނަ އަހަރު، ފްރާންސްގެ ވެރިރަށުގައި ވެސް މިފަހަ ހަމަލާއެއް ދީ ކުރުދީންގެ 3 މީހަކު މަރާލާފައި ވެއެވެ. އެ ހަމަލާ ދިން މީހަކު ނުވަތަ ބަޔަކު އަދިވެސް ހޯދިފައި ނުވާ އިރު، އިއްޔެގެ ހަމަލާ އާ ގުޅިގެން ކުރިދީން ތިބީ ބިރުވެރިކަމެއްގައި ކަމަށާއި، އެމީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމީހުންގެ ފަރާތުން ވަކާލާތު ކުރާ ވަލީކުން ވަނީ ބުނެފައެވެ.

ފްރާންސްގައި ކުރުދީންގެ 240،000 މީހުންގެ އާބާދީއެއް އޮވެއެވެ.