ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގެ ޝަރީއަތް ނުފެށި ލަސްވަނީ ކޯޓުން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަނުޖެއްސިގެން ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔާމީންގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9 ޖަހާއިރަށެވެ. ނަމަވެސް 10:30 އަށް ވުރެ ބޮޑުވެގެން ދިޔައިރު އަދިވެސް ޝަރީއަތެއް ނުފެށެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީން އަދިވެސް ކޯޓަށް ވަޑައިނުގެން ގޭގައި ހުންނެވީ ކޯޓުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަނުޖެއްސިގެން ކަމަށެވެ. އަބްދުއްރަހީމް ތުހުމަތުކުރެއްވީ މިއީ ސަރުކާރުގެ ނުފޫޒުން ހިނގާ ކަމެއްގެ ގޮތުގައެވެ. އަދި ޝަރީއަތް ނުފެށި ދިގުލައިގެން ދާތީ އެކަމާ މެދު އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

މިއަދު ހެނދުނު 9 ޖަހާއިރު ޔާމީންގެ ޝަރީއަތް ފެށެން ތާވަލުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގެ ސަރަހައްދަށް އިދިކޮޅު ކޯލިޝަނަށާއި ޔާމީނަށް ސަޕޯޓުކުރާ ގިނަ ބަޔަކު އެއްވެ، ވަނީ އިހްތިޖާޖުކޮށްފައެވެ. ބައިވެރިން ގޮވަމުން ދިޔައީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ސިޔާސީ ދައުވާ އެއް ކަމަށާއި، ގައުމު އެދި ގޮވަނީ ޔާމީނަށް ކަމަށެވެ.

ފުލުހުން ވަނީ އިހްތިޖާޖުގެ ބައިވެރިން އެއްފަރާތްކޮށް ކޯޓުގެ ދޮރު މަތިން ދުރަށް ޖައްސާލައިފައެވެ. ނަމަވެސް އިހްތިޖާޖުގެ ބައިވެރިން އެ ސަރަހައްދުގައި އެބަތިއްބެވެ.

އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ އިތުރުން ދެން ދައުވާކުރަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގައެވެ.

ޔާމީންގެ މައްޗަށް ކުރަނީ އާރަށް ކުއްޔަށް ދޫކުރުމުން، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، ތިން އަހަރަށް އެމަނިކުފާނު ޖަލަށް ލާނެއެވެ. އަދި މަނީ ލޯންޑާ ކުރި ކަމުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އެމަނިކުފާނުގެ ހުކުމަށް ދެ އަހަރު އިތުރުވާނެއެވެ. ޔާމީންގެ މައްޗަށް ދެ ދައުވާގެ ތެރެއިން އެއް ދައުވާ ވެސް ސާބިތުވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.