ކޮވިޑަށް ޒީރޯ ސިޔާސަތެއް ތަންފީޒު ކުރަމުން ދިޔަ ޗައިނާއަށް ކޮވިޑްގެ ވިޔަ ރާޅެއް އަރާ، ޕޮޒިޓިވް ވާ އަދަދު މިލިއަނުން މިލިއަން އަރައިގެން ގޮސްފި ކަމަށް ރިޕޯޓުކުރަން ފަށައިފިއެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބުދަދުވަހު ބޭއްވި ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކާ ހަވާލާދީ ބްލަންބާގް ނިއުސް އެޖެންސީން ބުނީ، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ 18 ޕަސެންޓް މީހުންނަށް މި ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ވައިރަސް އަރާފައި ވާ ކަަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއަދަުތައް ޗައިނާގެ އެއްވެސް ނޫސް އިދާރާއަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

ނަމަވެސް ސިއްހީ މައުލޫމަތު އެއްކުރާ އެއާފިނިޓީ ކުންފުނިން ބުނީ، ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ ރޭޓް މިލިއަނަކަށް ވުރެ މަތިން ރެކޯޑް ކުރެވިފައި ވާ ކަމަށާއި ދުވާލެއްގެ މައްޗަށް މަރުވާ ރޭޓް މިހާރު 5000 އިން މައްޗަށް އަރާފައި ވާ ކަމަށެވެ.

ކޮވިޑް ޒީރޯ ސިޔާސަތާ އެކު، ޕޮޒިޓިވް ކޭސް އެއް ފެންނަ ޓައުނެއް ވިޔަސް ސިޓީއެއް ވިޔަސް ލޮކްޑައުން ކުރަމުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން އަންނަނިކޮށް ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުން ސަރުކާރުން ވަނީ ފިޔަވަޅުތައް ލުއިކޮށްފައެވެ. އެ ފިޔަވަޅުތައް ލުއި ކުރި އިރު، ކޮވިޑުން ރައްކާތެރިވުމަށް މީގެ އެތައް މަހެއްގެ ކުރިން ޖެހި ވެކްސިންގެ ބާރުވެސް ކެނޑި، ކޮވިޑް ވައިރަސް އަށް ގުޑާނުލާއިރު، އާންމުކޮށް ޓެސްސްޓް ކުރުން ނުވަތަ ޕީސީއާރު ހެދުންވެސް ހުއްޓާލާފައި ވުމުން ސިމްޕްޓަމެޓިކް މީހުންނާއި އެސިމްޓަމެޓިކް މީހުން ފެންނަ ސީދާ އަދަދު މިހާރު އިދާރާތަކަށްވެސް ސާފު ނުވާ ކަމަށް އެއާފިނިޓީން ބުނެއެވެ.

އިތުރު ހަބަރުތައް ބުނާ ގޮތުން، ރައްޔިތުންގެ ޑިމާންޑްތަކާއެކު ސަރުކާރުން ފިޔަވަޅުތަކަށް ލުއި ދިން އިރު، ކުއްލި އަކަށް މި ބަދަލު އަތުވެދާނެ ކަމަށް ބަލައި ސިއްހީ ދާއިރާ އާއި ހޮސްޕިޓަލްތަކާއި ބޭސް އުފައްދާ ފަރާތްތައް ތިބީ ތައްޔާރައް ނޫން ކަމަށް ވެސް ބުނެއެވެ. އަދި މިހާރު ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް މަތިވެ ހޮސްޕިޓަލްތައް ފުރިފައި ވާ ކަމަށާއި މަރުވާ މީހުންގެ ހަށިތައް ލާ ނުވަތަ އަންދާ ތަންތަންތަންވެސް ފުރިފައިވާ ކަމަށް ބުނެއެވެ.

އެއާފިނިޓީން އިތުރަށް ބުނީ، މިހާރު އަރައިގެން އުޅޭ ކޮވިޑް ރާޅުގައި ޕޮޒިޓިވް ވާ މީހުންގެ ތެރެއިން 1.3 މިލިއަނާއި 2.1 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ޗައިނާގެ ކޮވިޑް އައުޓްބްރޭކް އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާ އިރު، ހާމަކަން ބޮޑުކޮށް ކޮވިޑް ހާލަތުގެ މައުލޫމާތު ދިނުމަށް އެެމެރިކާއިން ޗައިނާ އަށް ވަނީ ގޮވާލާފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ، ކޮވިޑްގެ ހަރުކަށި ސިޔާސަތަށް ލުއި ދިން ފަހުން އެއްވެސް މައުލޫމާތެއް އެ އިއިދާރާއަށް ޗައިނާ އިން އަދި ފޯރުކޮށް ނުދޭ ކަމަށާއި، އެ ކަންބޮޑުވުމާއެކު ވެސް ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.

ޗައިނާގެ ސަރުކާރުން އެންމެ ފަހުން ހާމަ ކުރި މައުލޫމާތުން އެނގޭ ގޮތުގައި އެގައުމުގެ އާބާދީގެ 90 ޕަސެންތް މީހުން ވަނީ އެގައުމުގައި އުފެއްދި ސިނޯފާމް ވެކްސިން ޖަހާފައެވެ. ނަމަވެސް ދެވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހި ޒުވާނުގެ ނިންބަސް ވަބީ 57 ޕަސެންޓްގައެވެ. އަދި އުމުރުން 80 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 42 ޕަސެންޓް މީހުންނެވެ.