ރާއްޖޭގެ މަޝްހޫރު މޮޑެލްއެއް ކަމަށް ވާ ޅ. ނައިފަރަށް އުފަން ފާތުމަތު ޒަޔާން އިބްރާހިމް (ކައިޒީން) 3.6 މިލިއަން ރުފިޔާ ދީގެން އޭނާގެ ބައްޕަ ލައްވާ ގަތް ބޯޓެއްގެ މައްސަލައިގައި ބައްޕައާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

ސިވިލް ކޯތަށް ކައިޒީން ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ ބައްޕައަށް 3.6 މިލިއަން ރުފިޔާ ހަވާލުކޮށް ބޯޓެއް ގަތުމަށް ދިނުމުން އޭނާ ބައްޕަ، އިބްރާހިމް އަލިފުޅު އެ ފައިސާއިން ބޯޓު ގަނެ އެ ބޯޓު ބައްޕަގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައި ވާތީ އެ ރަޖިސްޓްރީ ކައިޒީންގެ ނަން މައްޗަށް ބަދަލު ކޮށް ދިނުމަށް އެދި ކޯޓު އަމުރަކަށް އެދިފައެވެ.

"މިހިރީ ނަންބަރު5" ގެ ނަމުގައި އިބްރާހިމްގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ އެ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށާއި އެ ބޯޓު ބައްޕަގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައި ވަނީ ކައިޒީންގެ ރުހުމަކާ ނުލައި ކަމަށް ވެސް އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ ކޯޓުގެ އަމުރުގައި ވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމަށް ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށް ވެސް ވެއެވެ.

ކައިޒީން ހުށަހެޅި ހެކިތަކުގެ ތެރޭގައި ބޯޓު ގަންނަން ފައިސާ ދިން ކަމުގެ ބޭންކް ސްޓޭޓްމަންޓާއި ދެ ހެކިވެރިންގެ ހެކި ބަސް އޭނާ ވަނީ ހުށަހަޅާފައެވެ.

އެހެންކަމުން އެ މައްސަލައިގައި ކައިޒީނަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި އަދި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ކައިޒީނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ނިންމުމުގައި ވެއެވެ.