ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު، ހުޅުމާލޭގައި ހިންގާ ގާޒީ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ ބަޝީރާ މިހާރު ވަނީ ގާޒީ ސްކޫލްގެ ޕްރިންސިޕަލްގެ ގޮތުގައި ހަމަޖައްސާފައި ކަމަށާއި މި ބަދަލު ގެނެސްފައި ވާ އިރު ކުރިން ގާޒީ ސްކޫލްގައި ހުންނެވި ޕްރިންސިޕަލް މަރިޔަމް މުހައްމަދު ވަނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލު ކޮށްފައެވެ.

ބަޝީރާއަކީ ތައުލީމީ ދާއިރާއަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1989 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި މަސައްކަތް ކުރައްވަމުން އައި ބަޝީރާ އެންމެ ފުރަތަމަ ސްކޫލް ޕްރިންސިޕަލެއްގެ މަގާމް ފުރުއްވާފައި ވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައެވެ. އޭނާ އެންމެ ފަހުން ފުރުއްވީ ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމެވެ. އެ މަގާމު އޭނާ ފުރުއްވަން ފެއްޓެވީ 2009 ވަނަ އަހަރުއެވެ.

ގާޒީ ސްކޫލަށް އިދާރީ ބަދަލެއް ގެނެސްފައި މި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލްގެ އިތުރުން މުވައްޒަފުން ތަކަކަށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަސް ތުހުމަތުކޮށް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު ނާޅާ ކަމަށް ބުނެ ބެލެނިވެރިންނާއި ސްކޫލްގެ ބައެއް މުވައްޒަފުން އިހުތިޖާޖުކޮށްފައި ވަނިކޮށެވެ. ބައެއް ބެލެނިވެރިން ތުހުމަތު ކުރާ ގޮތުގައި އެ ކޮރަޕްޝަންގެ އަމަލުތަކުގައި އެ ސްކޫލުގެ ޕީޓީއޭގެ ބައެއް މެންބަރުން ވެސް ވަނީ ބައިވެރި ވެފައެވެ.