ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އަންނަ އާދީއްތަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ އިތުރުން ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގައެވެ.

ޔާމީންގެ މައްޗަށް ކުރަނީ އާރަށް ކުއްޔަށް ދޫކުރުމުން، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ކްރިމިނަލް ކޯޓުން ބުނީ، އެ މައްސަލައިގެ ހުކުމް އިއްވަން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.

ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، ތިން އަހަރަށް އެމަނިކުފާނު ޖަލަށް ލާނެއެވެ. އަދި މަނީ ލޯންޑާ ކުރި ކަމުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އެމަނިކުފާނުގެ ހުކުމަށް ދެ އަހަރު އިތުރުވާނެއެވެ. ޔާމީންގެ މައްޗަށް ދެ ދައުވާގެ ތެރެއިން އެއް ދައުވާ ވެސް ސާބިތުވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.